މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި އައްޑޫން ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ އައްޑޫ ފޭދޫގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ދިވެހި 8 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ހަތަރު ދަޅާއި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށެވެ. އަދި އެމީހުންނާ ގުޅުންހުރި އެހެން ގެޔަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.



މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ ކޯޓުންވަނީ ދޫކޮށްލާފައެވެ. އަދި 36 އަހަރުގެ މީހާއާއި 45 އަހަރުގެ މީހާ 14 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި މީހުން ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.



މީގެ އިތުރުން މަސްތުވާތަކެތި އަތުލައިގަތުމަށް ހުޅުމީދޫގައި މިމަހުގެ 15 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި އެހެނިހެން ތަކެތި ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާ މަސައްކަތްކުރާ ބޯޓު ބަލައިފާސްކޮށްފައިވެއެވެ.



މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތްދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.



ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން