ވަކި ފަނޑިޔާރަކާ ދޭތެރޭގައި، ވަކި ގޮތެއް ގެންގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ވަކި ފަނޑިޔާރަކާ ދޭތެރޭގައި، ވަކި ގޮތެއް ގެންގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަން ޖޭއެސްސީއަށް އެހީތެރިވެ ދިނުން ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިންސާފު ކަށަވަރުކޮށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިސް މެޖިިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ ރިޝްވަތާއި ނާޖާއިޒް ފައިދާއާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގަ އެވެ. އެ މައްސަލަތައް ބަލަމުންދާތީ އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ، އެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީން ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގައާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ.

ހަމައެއާއެކު، ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެންނުވާ ބަހުރުވައިން މުވައްޒަފަކާމެދު މައުސޫމް މުޢާމަލާތް ކޮށްފައިވާކަމާއި އަދި އޭނާގެ ފަރާތުން މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ވެސް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

މީގެ ކުރިން އެހެން ބައެއް ފަނޑިޔާރުން ވެސް ސުލޫކީ މައްސަލަތަކުގައި މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވި އެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވާއިރު، ދެން ތިއްބެވި ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މައުސޫމް ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 51 ވަނަ ބައްދަލުވުމުގައެވެ.



ކިޔުންތެރިންގެ ހިޔާލު