ނޫސްވެރިޔާ އަހްމަދު ރިޟުވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް އާއި އަހުމަދު މުއާޒަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، އެމައްސަލަ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އެ މައްސަލަތައް އިއްޔެ ކޯޓުން ބޭރުކޮށްލާފައިވާ ކަމަށެވެ.

ހަމައެއާއެކު އެ މީހުންގެ ފައިގައި އެޅުވި "މޮނިކޮން" ޓެގް ނައްޓާލުމަށްވެސް އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކުރާ ދައުވާވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ދޫކޮށްލައިފައެވެ.

މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ މޮނިކޮން ނިޒާމަކީ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް، އެންކަލް ބްރެސްލެޓް ބޭނުންކޮށްގެން، ބަލައި ދެނެގަތުމުގެ ނިޒާމެކެވެ. އަދި އެއީ އެފަދަ މީހުން ތަހުގީގަށް ހައްޔަރުކުރެވޭ ވަރަށް ހެކިނެތުމުން ނުވަތަ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅާ މީހުންގެ ހަރަކާތްތައް ހުންނަގޮތް ދެނެގަތުމަށް ކުރާ ކަމެކެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެއެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން