މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޕޮންޒީ ސްކީމެއް ހިންގި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންގެ ބައިގައި ދަޢުވާ ކުރުމަށް 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

މިމައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވެއެވެ.

އަދި މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވާއިރު ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ދަޢުލަތުން ކޮށްފައިވެއެވެ.

އަލްހާންގެ ކިންގްސް ކެޕިޓަލް އިން ހިންގި ސްކީމްގެ މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވަނީ އެކު ޖުމްލަ 39 ދަޢުވާއެވެ.

“މި ދަޢުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް ޕވޓ ލޓޑއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، ޢާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީއެވެ.” ޕީޖީގެ ބަޔާނުގައިވެއެވެ.

ޕީޖީން ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައެވެ.

މިސްކީމާއި ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

އަލްހާންގެ ކުންފުނިން ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވެގެން ފުލުހުން އެކަން ތަހުގީގު ކުރަން ފެށީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.

ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހްމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން