އަހުމަދު ޝާހް   25 ނޮވެމްބަރު 2023 - 19:7
ފުލުހުންގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުލްމަންނާން ޔޫސުފް ފުލުހުންގެ ޚިދުމަތުން މިއަދު ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސަވައިފި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސެވީ މަންނާނެވެ. މަންނާންގެ އިތުރުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު ވެސް މިއަދު ވަނީ ރިޓަޔާ ކުރަށްވާފައެވެ.

އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަޖެއްސީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެވެންދެނެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެމަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް އައްޔަންކުރަންޖެހެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އެކްޓިން ކޮމިޝަނަރަށް ހަމަޖެއްސި ފަރުހާދަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން އޯގަސްޓު 10، 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން