ކޯޓުގެ ހުރުމަތް ކަނޑައިގެން ޕީޖީ އޮފީސް ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރި ނިންމުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓު ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ އެކޯޓުން ބަލަމުންގެންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، އެ ހެކިތައް ހާމަކުރަން ކުރި އަމުރަށް ދައުލަތުން ބޯނުލެނބުމުންނެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމަވާފައިވަނީ ޕީޖީ އޮފީހުގެ އިސްތިއުނާފު ބަލައިނުގަތުމަށެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހައި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލަށް ހުށައެޅުމުން އިސްތިއުނާފު ބަލައިގަތުމަށް މިހާރު ވަނީ ނިންމައިފައެވެ.

ޕީޖީ އޮފީސް ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، އައްޑޫ ފޭދޫ ކޯޓުން ހާމަކުރަން އަމުރުކުރި މައުލޫމާތަކީ އެ އޮފީހަށް ލިބިފައިވާ މައުލޫމާތެއް ނޫންކަމަށެވެ. އަދި ޕީޖީ މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށް ހުށަހަޅާފައިނުވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

އެ މައްސަލާގައި ހާމަކުރަން ހުށަހެޅި މަޢުލޫމާތަކީ ފުލުސް އޮފީހުގައި ހުރި މައުލޫމާތެއްކަމުގައިވާތީ އެ މައުލޫމާތު ހޯދަން އަމުރު ނެރެންޖެހޭނީ އެ އިދާރާގެ މައްޗަށް ކަމުގައިވެސް ޕީޖީ އޮފީހުން ދެކެއެވެ. އަދި އެފަދަ އަމުރެއް ފުލުހުންގެ އިދާރާއަށް ކޯޓުން ފޮނުވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހެކިތައް ހާމަކުރަން ދެ ފަހަރެއްގެ މަތިން ދައުލަތުގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވެއެވެ. އެގޮތުން 6 މާޗު 2023 ގައި 7 ދުވަހުގެ ތެރޭގައި ހެކިތައް ހާމަކުރަން އެންގުމުން ދަޢުލަތުން އެ އަމުރަށް ތަބާވެފައެއް ނުވެއެވެ. އަދި ދެވަނަ ފަހަރަށް 4 އޭޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ހެކިތައް ފޭދޫ މެޖިސްޓްރޭޓު ކޯޓަށް ހުށައެޅުމަށް އެންގުމުންވެސް ދަޢުލަތުން އެއަމުރަށް ތަބާވެފައެއް ނުވެއެވެ.

އެމައްސަލާގައި ކޯޓުގައި ދައުލަތުން ބުނެފައިވަނީ ހެކިތައް ހާމަކުރެވޭނީ ޕީޖީގެ ފަރާތުން ކުރިން ބުނެފައިވާ ގޮތަށް ކަމަށެވެ. އެހެންކަމުން އިސްމެޖިސްޓްރޭޓު މުޙައްމަދު ޢަފީފު ނިންމަވާފައިވަނީ، ޕީޖީ އޮފީހުން ކޯޓުގެ ޙުރުމަތް ކަނޑާފައިވާ ކަމަށެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ކޯޓުތަކުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީސް 10،000 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދެއްކުމަށް ޕީޖީ އޮފީހުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން