އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ ލަމްހާ ދޫކޮށްލި މައްސަލާގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ލަމްހާ 3 މަސްދުވަހަށް ދޫކޮށްލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޓެގް އެޅުވުމަށްފަހު ލަމްހާ ދޫކޮށްލުމަށް ލަމްހާގެ ވަކީލް އެދުނު ނަމަވެސް ލަމްހާ ދޫކޮށްލީ ޓެގު ނާޅުވައެވެ. ނަމަވެސް އޭނާ ޢަމަލުކުރުމަށް ކޯޓުން ވަނީ ޝަރުތުތަކެއް ކޮށްފައެވެ.

އެގޮތުން މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމަށް އޭނާއަށް އަންގާފައި ވެއެވެ. އަދި ރޭގަނޑު 10 އިން ހެނދުނު 6 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. އެމައްސަލާގައި ޙަލީމަތު ލަމްހާގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެއްކާއި 36 ކިތާބީ ހެއްކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަޢުވާ އެވެ.

މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކަށް ލަމްހާ ވަނީ އިންކާރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން