ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގެ ސިއްރު ހެކިވެރިއަކު ވަނީ، އޭނާ ހެކިބަސް ދީފައިވަނީ ބިރު ދައްކައި، ނުފޫޒު ފޯރުވައިގެންކަމަށް ބުނެ ކޯޓަށް ދެ ސިޓީއެއް ހުށައަޅާފައެވެ. އެކަމާ ގުޅިގެން ޤާޟީ ވިދާޅުވީ އެސިޓީއާމެދު އިތުރުކަމެއް ސާފުކުރަންޖެހޭނަމަ އެކަމުގައި ދެފަރާތަށްވެސް ހަމަހަމަ ފުރުސަތު އަރުވާނެކަމަށެވެ.



ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ފަސް މީހެއްގެ މައްޗަށެވެ. އެއީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީއާއި، އަލީ ހަސަންއާއި، މުހައްމަދު ރިޔާޒްއާއި، އަހުމަދު އީޖާދު މުހައްމަދު އަދި މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ނާޝިޒްގެ މައްޗަށް ކުރީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.



މިމައްސަލާގައި މީގެކުރިން ބޭއްވި އަޑުއެހުމުގައި ސައްމާހުގެ ފަރާތުން އެދިފައިވަނީ މައްސަލަނުނިމި ދިގުދެމިފައިވާތީ ވީހާވެސް އަވަހަށް މައްސަލަ ނިންމައި ދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ޤާޟީ އިބްރާހިމް އިޙްސާން ވިދާޅުވީ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން