އަހުމަދު ޝާހް   30 ނޮވެމްބަރު 2023 - 20:59
ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރަމުންގެންދާ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙުގެ މައްޗަށް 225 ދައުވާ އުފުލަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ކޭޕާކް ރެސިޑެންސް މައްސަލައިގައި މިހާތަނަށް ލިބިފައި ހުރި މައްސަލަތަކުން 225 ދައުވާ ހަސަން މަމްދޫހުގެ މައްޗަށް އުފުލަން ނިންމާފައިވާ ކަމަށެވެ.

ޝަމީމް މިއަދު ވިދާޅުވީ މަންޑޭ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓުގެ އަގު އެކަނި ވެސް 8 މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު 7 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޝަމީމް މިމޭރުމުން ވިދާޅުވެފައިވާއިރު ހުޅުމާލޭ ކޯޓުގެ އަމުރެެއްގެ ދަށުން ހަސަން މަމްދޫޙުގެ އަގުބޮޑު މުދާތައް ވަނީ ހިފަހައްޓާފައެވެ. ކޯޓުން އެމުދާތައް ހިފެހެއްޓީ، އަސްލުއޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން އެމުދާތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ 8 މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ. މަންޑޭގެ މުދާ ހިފެހެއްޓި މައްސަލަ އޭނާވަނީ މި ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

މަންޑޭ ވަނީ ކޭޕާކް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އެ މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.

މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށްއައިސް އުޅެފައިވަނީ މުއްސަނދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޙަގީގަތް

30-Nov-2023

މަގާމު ގެއްލި ދާނެތީ ބިރުން ހާދަ ވަރަކަށް މައްސަލަތައް ބަލާކަމަށް ހެދެނީމި.



ޓްރެންޑިން