މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު އިތުރުކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުށައަޅައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރުމާމެދު ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ބަޖެޓުގެ ދިރާސާކުރާ ކޮމެޓީގެ މަސައްކަތް ނިންމާ ހިނގަމުންދާ ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓާމެދު ގޮތެއް ނިންމަން ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ. އަދި މި ދައުރުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް ނިިމިފައިނުވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ މުހިއްމު މައްސަލަތަކުގެ ތެރޭގައި ބަޖެޓް ފާސްކުރުމާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ހިމެނެއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެން ދާނީ އަހަރުގެ ތިން ދައުރަކަށެވެ. އެގޮތުން ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން