ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް އެޕާޓީގެ މެންބަރަކަށް ވުމަކީ ލާޒިމްކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.

ޙަބީބު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެޕާޓީތަކުގެ ޕްރައިމަރީއަށް މިހާރު ގެންދަނީ އިޢުލާނު ކުރަމުންނެވެ.

އެކަމަށް އިޝާރާތް ކުރަށްވައި ޙަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަ ކުރެއްވިދާނެ ކަމަށެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމު ނޫން ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.



“ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ނަމަ، ބޭނުންވާނީ އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު. އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، ބޭނުންވާނީ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއި.” ޙަބީބު ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށެވެ. މިހާރު މަޖިލީސް އެކުލެވިގެންވަނީ 87 ދާއިރާއަށެވެ.

ގާނޫނުގައި ބުނާ ގޮތުން މިހާރު ކުރިއަށްދާ މަޖިލިސް ނިމުމުގެ 120 ދުވަސް ކުރިން ޖެހިގެން އަންނަ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކަންކަން ފަށަން ޖެހެއެވެ.

މިހާރު ކުރިއަށްދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހުގެ 28ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން