ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން ޤާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށައެޅުއްވީ 3 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެކަމަށެވެ. އެގޮތުގެ މަތިން އިންތިޚާބުގައި ވާދަ ކުރެއްވި 8 ކެންޑިޑޭޓުންވެސް ވަނީ މާލީ ބަޔާން ހުށައަޅުއްވާފައެވެ.

ނަމަވެސް ޤާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށައެޅުއްވީ ރައީސް ޑރ. މުޢިއްޒު އާއި، ރައީސް ޞާލިޙް އަދި ޤާސިމް އިބްރާހިމް ކަމަށް އީސީން ވަނީ ބުނެފައެވެ.

މި ތިން ކެނޑިޑޭޓުން ފިޔަވައި އިންތިޚާބުގައި ވާދަކުރެއްވި އަނެއް ފަސް ކެނޑިޑޭޓުންގެ މާލީ ބަޔާން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭތީ، ޤާނޫނުގައި ވާގޮތުގެ މަތިން އެ ކެންޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބު އޭޖެންޓާމެދު ފިޔަވަޅު އެޅުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އެގޮތުން ފަސް ކެންޑިޑޭޓުން ވެސް ޖޫރިމަނާ ކޮށްފައިވަނީ 20000 ރުފިޔާއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ. އަދި އެ ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން 6000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް އީސީން ވަނީ ދީފައެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާންތަކަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު، ހުށަހަޅާ އޮޑިޓް ރިޕޯޓްތަކަށް ވާންޖެހެއެވެ. އަދި ކެންޑިޑޭޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތަކާއި ފައިސާގެ ހުރިހާ މުޢާމަލާތުތަކާއި، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން