އެސްޓީއޯ އިން ޤަތަރުގެ ކުންފުންޏަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތާއެކު އިހަވަންދިއްޕޮޅު ސަރަހަދުން ދަތުރުކުރާ ބޯޓު ފަހަރަށް ދޭންޖެހޭ ހިދުމަތް އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެވެސް ވިސްނުން ކަމަށެވެ.

ސަޢީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ޤާއިމުކޮށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ޤަތަރުގެ އާބަކޮން ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާ އެކު އެސްޓީއޯއިން ސޮއިކޮށްފައިވާ އެމްއޯޔޫ އޮތީ އެކްޓިވްކޮށް ކަމަށެވެ. އަދި އެސްޓީއޯއިން މިހާރު އެ އެއްބަސްވުން ރިވިއު ކުރަމުންދާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"މަޝްރޫއު ހުއްޓައެއް ނުލާ، އެސްޓީއޯ އިން ސޮއި ކުރީ، އަޅުގަނޑު ބަލާލިން އެއްބަސްވުން އެކްޓިވްތޯ، އެކްޓިވް ކަމަށް މައުލޫމާތު ދެއްވީ،" ސަޢީދު މިއަދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މި ސަރުކާރުން އިހަވަންދިއްޕޮޅުގެ މަޝްރޫއެއް ލ. އަތޮޅަށް ބަދަލު ނުކުރާނެ ކަމަށާއި ލ. އަތޮޅުގެ މަޝްރޫއެއް އިހަވަންދިއްޕޮޅަށްވެސް ބަދަލު ނުކުރާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޤަތަރުގެ އާބަކޮން ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

ކުރީ ސަރުކާރުން މި މަޝްރޫއު ހިންގުމަށް ނިންމީ އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް ސިޓީ ޑިވޮލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން