ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާފަދަ އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ޤައުމަކާއެކު ޕީ.ޕީ.އެމް ސަރުކާރުގައި ހަދާފައެއް ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޤައުމީ ދިފާޢީ ބާރުގެ ހުނަރާއި ޤާބިލްކަން އިތުކުރުން ކަމުމުގައިވިޔަސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިޔަސް، ރާއްޖޭގެ ފަސްގަނޑުގައި އެހެން ޤައުމެއްގެ އަސްކަރީ ބަޔަކު ޤާއިމުވެ ތިބުމަކީ އިދިކޮޅު ކޯލިޝަނުން އެއްއިރެގައިވެސް ތާއީދު ކުރި ކަމެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެފަދަ ކަމަކަށް މަގުފަހިވާނެ ގޮތަށް މުޢާމަލާތްކޮށް އެއްބަސް ވުންތައް ހެދުމަކީވެސް މިކޯލިޝަނުން ކުރާނެ ކަމެއް ނޫނެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާރިޖީ އަދި އަސްކަރީ ދާއިރާއިންވެސް އެކުވެރި ޤައުމުތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ މިކޯލިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމެކެކެވެ." އިދިކޮޅު ކޯލިިޝަންގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ހުރަސް ނޭޅޭ ކަންކަމުގައި ރާއްޖެއާއި އެކުވެރި ޤައުމުތަކާއެކު، ޤައުމުގެ ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ވަސީލަތް ތައް ހޯދުމާއި، ވަސީލަތްތައް ޤާއިމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކި ވެރިކަމުގައި ތިބި ދުވަސްވަރު މަސައްކަތް ކޮށްފައިވާނެކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

"ދިވެހިންގެ ޤައުމިއްޔަތު ދިފާޢުކޮށް، ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަބަދުވެސް ދެމި ތިބޭނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައިވެސް އަރުވަމެވެ. އަދި ޤައުމުގެ ސިޔާދަތާއި އިޤްތިޞާދީ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." އިކޮޅު ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިންޑިއާ އާއެކު މިހާރުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ އެއްބަސްވުންތަކެއް ވެފައިވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާއިން ހުސްވި ހަފުތާގައި ހަދިޔާކުރި މަތިންދާބޯޓަކީވެސް މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ އަސްކަރީ ފައުޖުގެ އަދަދު އިތުރުކުރުމަށް ވެދިން އެހީއެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިހާރުވެސް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުއްސައި ބެލެހެއްޓުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން