މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި ކައުސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެމްޑިޕީން ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

މިއަދު ފޯމު ހުށައަޅުއްވާފައިވަނީ، މާލޭގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އާދަމް އާޒިމް އާއި، ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރަށްވާ ކެންޑިޑޭޓުންނެވެ.

ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާ އަށް އެމްޑީޕީން ވާދަކުރަށްވަނީ އަޙްމަދު ރިޝްވާން ރަޝީދެވެ. ހެންވޭރު ދެކުނު ދާއިރާއަށް ޙައްވާ ނިޙްލާ ވާދަކުރަށްވާއިރު މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރަށްވަނީ އަޙްމަދު ޢިމްރާނެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްފަހު މާލޭގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އާޒިމް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ހިދުމަތެއް ދެވޭ ތަނަކަށް ސިޓީ ކައުންސިލް ހެއްދެވުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަވާލުވަޑައިގަތުމާއި ގުޅިގެންނެެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ބާއްވަން އީސީން ވަނީ ނިންމައިފައެވެ


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން