ދަތުރުފަތުރާބެހޭ ވަޒީރު ޢާއިޝަތު ނަހުލާ
ދަތުރުފަތުރާބެހޭ ވަޒީރު ޢާއިޝަތު ނަހުލާ
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން ދަތުރުފަތުރާބެހޭ ވަޒީރު ޢާއިޝަތު ނަހުލާ ކަމާބެހޭ އިދާރާތަކުގެ ވެރިންނާއި މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، ބިދޭސީންނަށް މުސާރަ ނުދޭކަމުގެ ގިނަ މައްސަލަތަކެއްވެސް ފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ފުލުހުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިކަމާގުޅިގެން ކަނޑު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.



ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއް ރަށުން އަނެއްރަށަށް ދަތުރުކުރުން މޮނިޓަރކޮށް އެކަން އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން އިމިގްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދެމެދުވެސް ދާދިފަހުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބިދޭސީން ދަތުރުކުރާ ރަށްތަކުގެ މަޢުލޫމާތު ރެކޯޑް ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީގައި ބެލެހެއްޓޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، މުދާ އުފުލާ ބޯޓުތަކުގައާއި، އަދި އެމީހުންގެ މަޢުލޫމާތު އޮޅުވާލައިގެން ރަށްރަށުގައިވެސް އުޅެމުންދިއުން ހުއްޓުވާ، އެކި މަސައްކަތުގައި ރަށްރަށަށް ދާ ބިދޭސީންނަކީ ޤަވާއިދާ އެއްގޮތަށް، ހުއްދަތަށް ނަގައިގެން ދާ ބިދޭސީންކަން ޔަގީންކުރާނެ ގޮތްތަކާއި ގުޅޭގޮތުން އިމިގްރޭޝަނާއެކު ޓްރާންސްޕޯޓް މިނިސްޓަރ މަޝްވަރާކުރައްވާފައިވެއެވެ. އަދި ކޮންމެ ރަށެއްގައިވެސް އެރަށެއްގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމާއި، އަދި އެމީހުން އެހެން ތަންތަނަށް ދަތުރުކުރާނަމަ އެކަން ލިޔެކިޔުމުން ފެންނާނެގޮތަށް ވަކި ސިސްޓަމެއްގެ ތެރެއިން ބެލޭނެގޮތް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ ކުރިން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަހުމަދު ހުސައިން (ޙަނަފީ) ވެސް ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެފަދަ މީހުން ދެނެގަނެ، އެމީހުން އުޅޭ ނޫޅޭގޮތް މޮނިޓަރކުރުމާގުޅޭ މަސައްކަތްތަކެއް މިހާރުވެސް ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން