ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލަކު މިސްކިތު މުވައްޒަފުންނަށް އުސޫލާ ޚިލާފަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވަނީ، ފުވައްމުލަކު މިސްކިތު މުއައްޒަފުންނަށް ބަންދު ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 1023385 ރުފިޔާ ދީފައިވާކަމަށެވެ.

ސިވިލް ސަރވިސް ގަވާއިދުގެ 176 ވަނަ މާއްދާގައި ވަނީ ބަންދު ދުވަސްތައް ކަމުގައި ބަޔާން ކޮށްފައިވާ ދުވަސްތައްވެސް މިސްކިތު މުވައްޒަފުންގެ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހަމައެއާއެކު ސިވިލް ސަރވިސް ގަވާއިދުގެ 123 ވަނަ މާއްދާގައި ވާގޮތުން މިސްކިތު މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދެވޭނީ ފަރުޟު ފަސް ނަމާދާއި ގުޅިގެން ނޫންގޮތަކަށް ކުރެވޭ ނަމާދުތަކަށާއި، 5 ގަޑިއިރުގެ މަސައްކަތަށްފަހު ކުރެވޭ ކަންކަމަށް ކަމަށެވެ.

އެހެންކަމުން ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ، ބަންދު ދުވަސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަށް ދެމުން އަންނަ އިތުރު ގަޑީގެ ފައިސާދިނުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މަޝްވަރާކޮށް އެފަރާތުން ލިޔުމުން އަންގާގޮތެއްގެ މަތިން އަމަލުކުރުމަށެވެ.

ހަމައެއާއެކު މިސްކިތު މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ސިވިލް ސަރވިސް ގަވާއިދުގެ ޗެޕްޓަރ 10 ގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށްވެސް ރިޕޯޓުގައި ލަފާދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން