ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 97 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އަހުލާގީ އަދި އިދާރީ ކުށްތައް ބެލުމަށް އުފައްދާފައިވާ އެ ކޮމާންޑުން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުންނާ ގުޅޭ 97 މައްސަލައެއް މި އަހަރު އެތަނަށް ހުޅައަޅާފައިވާއިރު، އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު، މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައީ ގަވައިދާ ހިލާފުވުމުގެ މައްސަލަތަކާއި، އިހުމާލުވުމާއި، ބަދުއަހުލާގީ މައްސަލަތަކުގެ އިތުރުން މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކެވެ. މީގެ ތެރެއިން 18 މީހަކާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވަނީ ބަދުއަހުލާގީ މައްސަލަތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ގަވައިދާ ހިލާފުވުމާއި ފުލުހެއްގެ ގައިގާ ހުންނަން ޖެހޭ އަހުލާގީ މިންގަނޑުތަކާ ހިލާފުވެފައިވާ މީހުންނެވެ.

ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި ރޭންކު ދަށްކުރުމާއި ހާއްސަ ތަމްރީނު ފުރިހަމަކުރުވުމާއި ކައިރިން ސުޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާކުރަން ޖެހުން ފަދަ ފިޔަވަޅުތައްވެސް އަޅާފައި ވެ އެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރަށް ބަލާއިރު ފުލުހުންނާ ގުޅޭގޮތުން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. އެ އަހަރު 141 މައްސަލަ ހުށަހަޅާފައިވާއިރު 58 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. މިދިޔަ އަހަރު ވެސް 40 ފުލުހުންނަށް ފިޔަވަޅު އަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ މަސައްކަތަށް ނުނިކުމެގެންނާއި މާރާމާރީ ހިންގައިގެން ފިޔަވަޅު އެޅި މީހުންނެވެ. މިދިޔަ އަހަރު ފުލުހުންގެ ވަޒީފާއިން 21 މީހަކު ވަކިކޮށްފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި 2018 ވަނަ އަހަރު 31 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 15 ފުލުހަކަށް ވަނީ ނަސޭޙަތާއި އިންޒާރު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ހަސަނިކާ

25-Jul-2020

ބަދުއަހުލާގީ ހާއްޔެއް ކަމަށް ވަނީ ބޮޑުން ރުއްސަން



ޓްރެންޑިން