ރިޕޯޓް ފުރިހަމަނުވާތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައި ވަނިކޮށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ ރިޕޯޓް ފުރިހަމަނުވާތީ ވަޒީރުންނަށް މިއަދު ރުހުން ދެވިދާނެކަމާމެދު ސުވާލު އުފައްދައި ނިޒާމީ މައްސަލައެއް ނަންގަވާފައެވެ.

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ ވުޒާރާތަކުގެ މެންޑޭޓްތައް ފާސްކުރަން ފޮނުވާފައި ނުވާތީ ވަޒީރުންނަށް ރުހުން ދޭން މިއަދު ނޭހޭނެކަމަށެވެ. އޭގެ އިތުރުން ސަރުކާރަށް އެއް މަސް ދުވަސްވީއިރުވެސް އެ މައްސަލަ މަޖިލީހަށް ފޮނުވާފައި ނުވާތީ ޙިސާން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

"މިނިސްޓަރުންނަށް ރުހުން މިދެނީ އެ ބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާކުރުމުގެ ނުވަތަ ނުކުރުމުގެ ގާބިލުކަމެއް އޮވެގެންތޯ މި ރިޕޯޓަކުން ސާފެއް ނުވޭ." ޙިސާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް ވަނީ ޙިސާން ނެންގެވި ނިޒާމީ ނުކުތާ ބަލައިގެންފައެވެ. އެއަށްފަހު އަސްލަމް ވަނީ ވަގުތު ކޮޅަކަށް ޖަލްސާ މެދު ކަނޑުއްވާލެއްވުމަށްފަހު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރަށްވާފައެވެ.

މަޝްވަރާއަށްފަހު އަލުން ޖަލްސާ ފަށްޓަވައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީން ރިޕޯޓު އެކުލަވައިލެވިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ރ ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވީ ކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން