މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ސަރުކާރަށް ތާޢީދު ކުރަށްވާ މެންބަރުން ތުހުމަތު ކުރަށްވައިފިއެވެ.

ސަރުކާރަށް ތާޢީދު ކުރަށްވާ މެންބަރުން މިގޮތަށް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މައްސަލަ އެޖެންޑާއިން އުނިކޮށް އަލުން ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވުމާ ގުޅިގެންނެވެ.

ރިޔާސަތުގެ ނިންމެވުމަށް ފާޑުވިދާޅުވެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ސަރުކާރުން މި މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ނުދީ، ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލަން ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އާމިރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވީ ކޮމިޓީގެ ރިޕޯޓެއް އަނބުރާ ކޮމިޓީއަށް ފޮނުވާލެވޭނީ ތަޅުމުން ފާސްކޮށްގެން ކަމަށާއި މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ އެދެ މެމްބަރުން ނެންގެވި ނިޒާމީ ނުކުތާ ވެސް ބަލައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ދައުރު މިއަދަށް ހަމަވާތީ ދައުރު އިތުރު ކުރެއްވުމަށް މިއަދު ވޯޓަށް އައްސަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިއަދު ނިންމަވާފައިވަނީ މަޖިލީހުގެ ކޮމިޓީން ވަޒީރުންނަށް ރުހުންދިނުމުގެ ރިޕޯޓު އެކުލަވައިލެވިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ރ ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް އަސްލަމް މިއަދު ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން