އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތުގައި
އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތުގައި
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު، ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީވެ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ކޯވިޑް-19 އާއި ގުޅިގެން ބައިނަލްޢަޤްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.



އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ. އަދި މިފަދަ ހާލަތުގައި ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ދެވޭނީ، އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއަރޕޯރޓް އިމިގްރޭޝަނަށް ހުށަހެޅުމުންނެވެ.

ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން