މިއަހަރު މާލޭގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ޒުވާން ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސް ޒުވާން ދިވެހި ހާފިޒުންނާ މިއަދު ބައްދަލު ކުރަށްވާފައިވާ ކަމަށާއި އެކަމާ އުފާކުރަށްވާ ކަމަށެވެ. އަދި މި ފަހަރު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ޒުވާން ހާފިޒުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާމެދު މަޝްވަރާކުރެވުނުކަން ފާހަގަ ކުރަށްވަމުން މިނިސްޓަރ ވިދާޅުވީ ރޯދަ މަހުގެ ކުރިން ގިނަ ޙާފިޒުންނާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށްް އެއްބަސްވެވުނު ކަމަށެވެ. ހަމައެއާއެކު ތަމްރީނު ޕްރޮގްރާމެއް ހިންގުމާއި ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދުމާއި ރޯދަ މަހުގެ ކުރިން ޤުރުއާން މުރާޖިއާ ކުލާހެއް ފެށުމަށް އެއްބަސްވެވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

“މީގެ އިތުރުން ފިޤުހުއްސުނާގެ ނަމާދާ ބެހޭ ބައިގެ 3 ފޮތް ވަނީ ކޮންމެ ކުއްޖަކަށް ހަދިޔާކޮށްފަ.” މިނިސްޓަރ ވިދާޅުވިއެވެ.

ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ޙިފްޒުކޮށް ކުރުމަކީ ފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން