މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
ރިސޯޓުތަކުގެ ކުލި ފަސްކޮށްދިން ނަމަވެސް ރިސޯޓު މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށާއި، މުސާރައިގެ ފުކެއްވެސް ނުލިބި މުވައްޒަފުން ރަށުގައި ތިބެންޖެހޭ ސަބަބެއް ނެތްކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިއަދު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރިސޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށް ދީފައިވާއިރު އެތައް ހާސް ދިވެހި މުވައްޒަފުން އަމިއްލަ ރަށުގައި މުސާރަ ނުލިބި ތިބެންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ފުއްދޭނެ ފަދައެއް ނެތި ގިނަ ރިސޯޓު މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުން ޕެންޝަންގެ އިންތިޒާރުގައި އުމުރު ހޭދަކުރަން ޖެހޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.



ރިސޯޓު މުވައްޒަފުންގެ މުސާރަ ނުލިބި ދަތި ހާލުގައި އުޅެންޖެހިފައިވާކަމަށް ބުނެ ސައީދު ޓްވީޓް ކުރެއްވިއިރު ބައެއް ރިސޯޓުތަކުން މިހާރުވެސް އަންނަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ. އަދި ބައެއް ރިސޯޓުތައް ހުޅުވި ނަމަވެސް އެކި ޑިޕާޓްމަންޓުން ވަކި އަދަދަކަށް މުވައްޒަފުން ނެރެގެން ހިދުމަތް ދިނުމަށް ނިންމަމުން އަންނަކަމަށް ބައެއް ރިސޯޓް މުވައްޒަފުން ބުނެ އެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ބަންދު ކުރި ރިސޯޓްތަކުގައި ތިބި މުވައްޒަފުންނަށް ވެސް ބައެއް ރިސޯޓްތަކުން މުސާރަ ނުދޭ ކަމަށް ރިސޯޓު މުވައްޒަފުން ބުނެފައި ވެއެވެ.

ހަމައެއާއެކު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި ރިސޯޓުތަކަށް ގިނަ ޢަދަދެއްގެ މީހުން ގެނެސްފައިވާކަމުގެ ޝަކުވާ ޢާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ. ކޯވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެލަވަންސެއް ދެމުން ގެންދިޔަ ނަމަވެސް އޭގެ ތެރެއިން އެލަވަންސް ލިބެނީ މަދު ޢަދަދެއްގެ ބަޔަކަށް ކަމަށް ވަޒީފާ ގެއްލިފައިވާ ގިނަ މަސައްކަތްތެރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން