މާލެ އަތޮޅު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން
މާލެ އަތޮޅު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން
ޚިޔާނާތުގެ މައްސަލައެއްގައި މާލެ އަަތޮޅުގެ ދެ ކައުންސިލަރަކު ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމެންޓް އޮތޯރިޓީން ނިންމައިފިއެވެ.

އެލްޖީއޭ އިން ސަސްޕެންޑުކޮށްފައި ވަނީ ޕީޕީއެމް އަށް ނިސްބަތްވާ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާރިސްއާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މާލެ އަތޮޅު ކައުންސިލް މެންބަރު މާޖިދު ސުލައިމާނެވެ. މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އެ ދެ ކައުންސިލަރުން ވެސް ސަސްޕެންޑުކުރީ ތިން މަހަށެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ރައޫފަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވާރިސްއާއި ކައުންސިލް މެންބަރު މާޖިދު، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވެފައިވާކަން އޮޑިޓް އޮފީހުން ނެރެފައިވާ އެ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލްގައި އިތުރަށް ތިބުމުގެ ފުރުސަތު އެ ދެ ކައުންސިލަރުންނަށް ދޭންޖެހޭ ކަމަށް އެލްޖީއޭގެ ބޯޑަށް ނުފެންނަ ކަމަށާއި އެ ދެ ކައުންސިލަރުންގެ އެ އަމަލަކީ އެލްޖީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ މައްސަލައެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އަދި އެ ދެ ކައުންސިލަރުންގެ ހަވާލުގައި އަތޮޅު ކައުންސިލުގެ އެއްވެސް މުދަލެއް ނުވަތަ ލިޔެކިޔުމެއް ވާނަމަ، އެތަކެތި އަނބުރާ ކައުންސިލަށް ރައްދު ކުރުމަށާއި، ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދުމަށް ނޫނީ ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އަދި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލު ކުރުން އެ ދެ ކައުންސިލަރުންނަށް މަނާވާނެ ކަމަށް ވެސް އެ ސިޓީގައި އަންގާފައިވެ އެވެ.

އެ ދެ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވާ މުއްދަތުގައި ކައުންސިލް ހިންގާނީ ކައުންސިލްގެ ރައީސް އިބްރާހީމް ރައޫފާއި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން