އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ސަރުކާރު ބަލިކަށިކޮށްލަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުކިޔަމުންދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލައިގައި މަޖިލީހަށް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށައެޅި ކުއްލި މައްސަލާގައި މިއަދު ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމުގެ ޙައްގު އެއްވެސް މީހަކަށް ނޯންނާނެކަމަށެވެ.

އަދި މިނިވަންކަމަކީ ތިމާ ބޭނުންވާހާ ގޮތަކަށް ބޭނުން ކުރަން އޮތް ހަތިޔާރެއް ނޫން ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިސްވެ ހުންނަވައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް މެދުވެރިކޮށް ކުރަމުން ގެންދަނީ ބަލައިގަނެވޭނެ މަސައްކަތެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިނިވަންކަމާއި ޑިމޮކްރަސީ އަކީ ސަރުކާރަށް ޖެއްސުންކޮށް ވަޒީރުންނަށް ރުހުން ނުދިނުން ކަމަށް ވާނަމަ އެކަން އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށެވެ. ހަމައެއާއެކު ސަރުކާރު ބަލިކަށިކޮށްލުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެކަމަށާއި ކުރިޔަށް އޮތް ފަސް އަހަރު ވެރިކަމުގައި ހުންނަވާނީ ރައީސް މުއިއްޒު ކަމަށް ސަލީމް ވިދާޅުވިއެވެ.

"ރުހުން ވެސް ހޯދާނަން މާތްﷲގެ އިރާދަފުޅާއެކު، މި ސަރުކާރު ވައްޓައެއް ނުލެވޭނެ. އެކަންވެސް ނުކުރެވޭނެ އެކަމަށް ފުރުސަތުވެސް ނުދޭނަން." ސަލީމް މިއަދު ވިދާޅުވިއެވެ.

އޭގެއިތުރުން ސަރުކާރެއް ގެއްލުމުގެ މާނައަކީ އެކަމުގެ ހިތާމައިގައި ދެން އުފެދޭ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށާއި އަދި އެކަން ކުރުމުގެ އެއްވެސް ޖާގައެއް މަޖިލީހުގެ ތެރެއިން ނުދޭނެކަމަށްވެސް ސަލީމް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން