ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ކުރިއަށްގެންދިޔަ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ. މިއީ ސަރުކާރުގެ ހަފްތާ 14ގެ ޕްލޭން ގައި މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިީފައިވެއެވެ.

މި ޙަފްލާގައި މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ރަސްމިއްޔާތުގައި ދައްކާލައިފައިވާއިރު، މިސްކިތްތަކުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވި ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެމަނިކުފާނު ވަނީ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހެއް އޮތުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވައި، މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށްދެއްވައިފައެވެ.

މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީސް އެކުލާވާލުމަށް ކުރެވުނު މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިލެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ޙަފްލާގައި ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން