އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޒަކާތުގެ މަތިވެރި ޙުކުމްތައް ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ނަގަހައްޓަވާނެ ކަމަށް މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ވަރަށް ޚާއްސަ އަދި އެހާމެ އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ޒަކާތުގެ ކަންކަން މަތިވެރިކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަތިވެރި އަޒުމުގައި މިފަދަ މުހިންމު އިދާރާއެއް އުފެއްދެވިކަމަށްޓަކައި ޑރ. ޝަހީމް ވަނީ ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ، މި ފުރުސަތަކީ ގައުމީ ފޭރާމާއި ޝަޚްސިއްޔަތު އަލުން އިއާދަކުރުމަށް އޮތް ފުރުސަތެއް ކަމަށާއި، ޑރ. މުޢިއްޒަކީ ޤަރުނަކު އެއްފަހަރު ލިބޭނެފަދަ ވެރިއެއް ކަމަށެވެ. އޭގެ އިތުރުން ޒަކާތުގެ މަތިވެރި ޙުކުމްތައް މިސަރުކާރުން ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ނަގަހައްޓާނެ ކަމަށްވެސް ޑރ. ޝަހީމް މިއަދު ވިދާޅުވިއެވެ.

"އެ އަޒުމަކީ ދިވެހިރާއްޖޭގައި ޒަކާތަށް މީހުން ހޭލުންތެރިކަން އިތުރުކުރުމާ، ޒަކާތާބެހޭގޮތުން ޢިލްމީ ދިރާސާތައް ކުރުމާ، ޒަކާތުން ބައެއް ޝަރުޢީ ހަމަތަކުގެ މަތިން އިސްތިސްމާރުކުރުމާ، ޒަކާތުގެ މި މަތިވެރި ޙުކުމްތައް މި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ނެގެހެއްޓުމަށްޓަކާ" ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން ކޮންމެ 6 މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް އެއިދާރާގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން