އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   4 ޖެނުއަރީ 2024 - 1:22
ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ވަޒީފާއަދާކުރުމަށް ގެންނަ ބިދޭސީންގެ ވަރކް ޕާމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް އާއި ނުލައި ވަރކް ޕާމިޓް ދޫކުރަމުންދިޔަ ގަވާއިދަށް މިއަދު ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ގެޒެޓު ކުރި ގަވާއިދުގައި ބުނެފައިވާގޮތުން ވަރކް ޕާމިޓަށް ބޭނުންވާ މެޑިކަލް ހުއްޓާލާފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ގެނެވޭ ބިދޭސީން، ވަރކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ޕަމިޓް ދޫކުރެވޭނީ އަދި ޕާމިޓްގެ ފީ ދެއްކޭނީ "ވަރކް ޕާމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ.

މިގޮތަށް ހުށަހެޅޭނީ ހަމައެކަނި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވަރކް ޕާމިޓް މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކަށް ކަމަށްވެސް ލިޔުމުގައި ބަޔާންކޮއްފައިވެ އެވެ. އަދި މިބަދަލާއެކު ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވަރކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިސްލާހުކުރި ގަވާއިދުގައި ވެއެވެ.

މީގެއިތުރުން މިވަގުތު ވަރކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވަރކް ޕާމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅުމުން ކަމަށާއި މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެ އެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރކް ޕާމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުން މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޖުލައި ހަތަރެއްގެ ކުރިން މެޑިކަލް ހުށަހަޅަން ޖެހޭނެކަމަށްވެސް އަންގާފައިވެ އެވެ. އަދި މިގޮތަށް ކަން ނުކޮއްފިނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.

އަދި ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ޕާމިޓް ކެންސަލް ކުރެވޭނީ، މި ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ ކަމަށާއި މިމުއްދަތު ހަމަވެފައިވާނަމަ، ހަމަވެފައިވާ ކޮންމެ އަހަރަކަށް 2000 ރުފިޔާއިން ޖޫރީމަނާ ކުރެވޭނެ ކަމަށް ވެސް އިސްލާހުކުރި ގަވާއިދުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން