އިސްލާމިކް މިނިސްޓަރ ސަޢުދީއަށް ފުރާވަޑައިގަތުން
އިސްލާމިކް މިނިސްޓަރ ސަޢުދީއަށް ފުރާވަޑައިގަތުން
ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ސަޢުދީއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރުގެ މި ދަތުރުފުޅަކީ މިއަހަރުގެ ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ދެމެދު ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ސަޢުދީއަށް ވަޑައިގެންނެވުމަށް އެދި ދަޢުވަތު އަރުވާފައިވަނީ ސަޢުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ ކަމަށް އިސްލާމިކް މިނިސްޓަރީން މަޢުލޫމާތު ދީފައިވެއެވެ.

މިދަތުރުފުޅުގައި ޑރ. ޝަހީމް ސަޢުދީގެ އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރަށްވައި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރަށްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން