އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މެންބަރަށް އެމީހެއްގެ އިންތިޚާބީ ދާއިރާ ތަރައްޤީކުރަން ޤާނޫނީގޮތުން އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިބްރާ އިއްޔެ މީސްމީޑިއާ މެދުވެރި ކުރަށްވައި ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލާއިރު ރައްޔިތުންގެ ހަނދާނުގައި ބަހައްޓަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން މަޖިލީހުގެ މެންބަރަށް، "ދާއިރާ ތަރައްޤީ" ކުރަން ޤާނޫނީ ގޮތުން ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި އެމޭރުމުން އެއްވެސް ކެންޑިޑޭޓަކު ވިދާޅުވާނަމަ އެއީ ނުރައްކާ ވާހަކައެއް ކަމަށްވެސް އިބްރާ ވިދާޅުވެފައިވެއެވެ.

“އެކިޔަނީ ދާއިރާއަށް ކޮންމެވެސް ކަމެއް ސަރުކާރުން ކޮށްދޭން ޝަރުޠުކޮށްފައި، ސަރުކާރުން ކުރާ ހުރިހައި ކަމަކަށް މަޖިލީހުގައި އާނއެކޭ ބުނާނެ ވާހަކައެވެ.” އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެމޭރުމުން ކެމްޕޭނުކޮށް ވޯޓުހޯދައިގެން މަޖިލީހަށް ހޮވޭ މެންބަރުންނަށް ވަޒީރަކު ނުކުމެ ރައްޔިތަކު ރޮލާ ކާލިއަސް ޗުޕުވެސް ނުބުނެ މަޑުންއިނުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.

އަދި އެފަދަ ބޭފުޅުން އެ ދައްކަވަނީ ސަރުކާރުން ރާއްޖޭގެ ރަށްތަކާ، ފަޅުތަކާ ކަނޑުތައް ވިއްކާލާއިރު، އެއިން ބައެއް ނަގައިގެން ހިމޭނުން އިންނާނެވާހަކަ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ދާދިފަހުން އިބްރާ ވިދާޅުވެފައިވަނީ، ހެޔޮގޮތުގައި ދައުލަތެއް ހިންގައި، ޤައުމަށް ހިމޭންކަން ގެނެވޭނީ ދައުލަތުގެ ތިން ބާރުގެ މަޤާމްތަކުގައި ތިބޭ މީހުނަކީ ރައްޔިތުންގެ އިތުބާރާއި، އިޙްތިރާމް ލިބިފައިވާ، ރައްޔިތުންނަށް ރަނގަޅަށް އެނގޭ، ސިޔާސީ ބުރަދަންހުރި މީހުނަށް ވެގެން ކަމަށެވެ.

އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީ އުފެއްދި މަޤްސަދާއި އެޕާޓީގެ އަސްލު ސިފަތައް މިހާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 12 ވަނަ ދުވަހު އޭނާ ވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚް އަންނަ އާދީއްތަ ދުވަހު އިޢުލާނު ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން