މިހާރުގެ ސަރުކާރުން ބޯހިޔާވެހިކަމުގެ މަޝްރޫއެއްގެ ގޮތުން ބޭރު ކުންފުޏަކާ ހަވާލުކޮއްގެން ހިންގާ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއަށް ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް، އިބުރާ ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް ހޮވިފައިވާ ސަރުކާރަކަށް މުޅި ރާއްޖެއަށް ބޮޑެތި އަސަރުތަކެއް ކުރާފަދަ ސިޔާސަތެއް ނިންމުމުގެ ބާރު ލިބިގެން ނުވާނެ ކަމަށެވެ. އިބުރާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށާއި ދިވެހިންގެ އާބާދީ ބެހިފައިވާ ގޮޮތްތަކަށް އިޢާދަނުކުރެވޭ ވަރުގެ ބަދަލުތަކެއް އަންނާނޭ ކަމަށާއި ރާއްޖޭގެ ތިމާވެށީގެ ބޮޑުބައެއް ހަލާކުވެގެންދާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސް މިފަދަ ބަދަލުތަކެއް ގެނައުމަށް އެންމެ ފަސް އަހަރަށް އިންތިޙާބުވެފައިވާ ސަރުކާރަކަށް އެކަނި ނުނިންމޭނެ ކަމަށާއި މިކަމުގައި ލާމަރުކަޒީ ނިޒާމެއް ގެންގުޅެންޖެހޭ ކަމަށް އިބްރާ ވިދާޅުވި އެވެ.

"ރާއްޖޭގެ މިލްކިއްޔާތުގެ ބޮޑުބައިތަކެއް ޤަރުނެއްގެ މުއްދަތަށް ބިދޭސީންގެ އަތްމައްޗަށް ދާވަރުގެ ސިޔާސަތުތަކެއް 5 އަހަރުގެ ދައުރަކަށް އިންތިޚާބުވި ސަރުކާރަކަށް އެކަނި ނުނިންމޭނެ،" މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކޮމިޓީގައި އިސް ދައުރެއް އަދާކުރެއްވި އިބްރާ ވިދާޅުވި އެވެ.

އިބްރާ އިތުރަށް ވިދާޅުވީ ބިދޭސީންނަށް މިހާ ދިގު މުއްދަތަކަށް ހަވާލުކުރާ މަޝްރޫއެއްގެ މައްސަލަ ނިންމުމަކީ ސަރުކާރަށްވެސް އަދި މަޖިލީހަށްވެސް ކުރެވޭނެކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިފަދަ މަސަލައަކީ ދިވެހި ހުރިހާ ރައްޔިތުންގެ އާންމު ވޯޓަކުން ނިންމަންޖެހޭކަމެއް ކަމަށް އިބުރާ ވިދާާޅުވި އެވެ.

އިބްރާ ވަނީ މި މައްސަލައިގައި މަޖިލިހުގެ މެންބަރުން ޒިންމާ އަދާކޮށް، މިކަމާ ބަޙުޘްކޮށް، ޢާންމު ވޯޓެއް ނަގަން ފާސްކުރައްވަން ގޮވާލައްވާފަ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ސިޓީއަށް ބޭނުންވާ ބިން ހިއްކައި ނިންމުމެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެންނެވެ. މިމަޝްރޫއު ހިންގަނީ ފައިސާގެ ބަދަލުގައި ހުޅުމާލެއިންނާއި ހިއްކާ ބިމުން 99 އަހަރަށް ބައެއް ދޭ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން