އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   8 ޖެނުއަރީ 2024 - 2:38
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތުކުރުމަށްް ހުރި ދަތިތައް ފަސޭހަކުރުމަށް އެމެރިކާ ސަރުކާރާ މަޝްވަރާކުރެވި ޕޭޕެލްގެ ހިދުމަތް ރާއްޖެ ގެނެއުމަށް މަސައްކަތް ކުރާކަމަށް ޕްރިންސަޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ކެބިނެޓުގެ މަޝްވަރާތަކާ ބެހޭގޮތުން މީޑިއާތަކާ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވި ރާއްޖޭގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތުތައް ކުރުމަށް ދަތިވާކަމަށާއި އެކަން ހައްލުކުރުމަށް އެމެރިކާގެ އީ-ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕެލްގެ ހިދުމަތް ރާއްޖެ ގެނެއުމަށް އެމެރިކާ ސަރުކާރާ މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް އެހެނިހެން ފަރާތްތަކާ މަޝްވަރާކުރެވި އެހެނިހެން އިތުރު އީ-ކޮމާސް ޕްލެޓްފޯމުތަކެއްގެ ހިދުމަތްވެސް ރާއްޖޭގައި ގާއިމު ކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި މައްސަލައަށް އިރުރު ފަސޭހަތަކެއް ގެނެއުމަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށާއި މި މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށްވެސް ކެބިނެޓް ބައްދަލުވުމުގައި ވާހަކަދެކެވުނުކަމަށާއި އެހެންކަމުން ސައިބާ ސެކިއުރިޓީ ގާނޫނެއް ވުޖޫދަށް ގެނެއުމަށް މަޖިލީހަށް ހުށަހަޅާ ބިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގައި އެހީ ހޯދުމަށް ޔުނައިޓެޑް އަރަބް އެމެރޭޓްސްއާއި ތުރުކީވިލާތާ އެކު މަޝްވަރާތަކެއް ކުރެވެމުން ދާކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

ކެބިނެޓް ބައްދަލުވުމުގައި އިތުރަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކެއް ގާއިމްކުރުމަށް ރައީސުލް ޖުމްހޫރިއަށް ލިބިގެންވާ ބާރުގެ ދަށުން މޯލްޑިވިއަން އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ނާޒިމު ފާހަގަ ކުރެއްވިއެވެ. އަދި އޮން ޝޯރ ބޭންކެއްގެ އޮޕަރޭޝަނަށް ލައިސެންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ވާހަކަ ދެކެވެމުން ދާކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން