މަޖިލިސް އިންތިހާބު 17 މާޗުގައި ގައި ބާއްވަން އީސީއިން ނިންމައިފި
މަޖިލިސް އިންތިހާބު 17 މާޗުގައި ގައި ބާއްވަން އީސީއިން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރުހަމަވާނީ މިއަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހުއެވެ. ގާނޫނު ބުނާ ގޮތުން މެމްބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ.

އީސީން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތަށްވުރެ އިންތިޚާބު ފަސްކޮށްފިނަމަ އިދާރީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އެގޮތުން، ފިތުރު އީދަށްފަހު އަންނަ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްތައް ކަމަށްވުމުން، އެ ހަފުތާ އިންތިހާބުގެ ބޭނުންތަކަށް ސްކޫލުތައް ނުލިބުން އެކަށީގެންވާކަމަށް އީސީން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެ ކަމަށްވެސް އީސީގެ ބަޔާނުގައިވެއެވެ.



މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވިހި24" އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު 2024ގައި ބާއްވާތީ އީސީން ކަނޑައެޅުއްވި ޝިއާރެކެވެ. މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ވެސް މިއަދު އާއްމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވަނީ ބުނެފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. މިއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށް ވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން