އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   10 ޖެނުއަރީ 2024 - 22:3
ދިވެހިރާއްޖޭގެ މައި ވައިގެ ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވައިގެ ދަތުރުފަތުރުގެ އައު ރެކޯޑް ހަދައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނި ގޮތުގައި މި މަހުގެ ހަވަނަ ދުވަސްކަމަށްވާ ހޮނިހިރުދުވަހު ވެލާނާ އެއާޕޯޓުންވަނީ 925 އެއާ ޓްރެފިކް މޫވްމަންޓް ހަދާފައެވެ. މިއީ ވީއައިއޭގެ ކުރީ ރެކޯޑު މުގުރާލި ދުވަހެއް ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. ވީއައިއޭއަށް މީގެ ކުރިން އެއް ދުވަހެއްގެ މައްޗަށް ހަދާފައިވާ އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދަކީ 861 ކަމަށްވެސް ބުނެފައިވެ އެވެ.

އެމްއޭސީއެލުން ފާހަގަކޮއްފައިވާގޮތުން މި ކާމިޔާބީ ހާސިލުކުރުމުގައި ދިވެހި އެއާލައިންތަކުގެ އިތުރުން ބައިނަލްއަގްވާމީ އެއާލައިންތަކާއި ސީޕްލޭން އޮޕަރޭޓަރުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އެފަރާތްތަކުން ވަރަށް މުހިންމު ރޯލެއް އަދާކޮއްފައިވާ ކަމަށެވެ. މީގެ އިތުރުން މި މަހު ހައެއްގައި ސީޕްލޭންތަކުން 672 އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ގާއިމްކޮށް، މީގެ ކުރިން ހަދާފައިވާ 659 ސީޕްލޭން މޫވްމަންޓްގެ ރެކޯޑް މުގުރާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"އެއާ ޓްރެފިކް މޫވްމަންޓްގެ ގޮތުގައި ބަލަނީ ބޯޓު ޖެއްސުމާއި ފުރާ އަދަދެވެ.

"މި ރެކޯޑް މުގުރާލި މި ދުވަސް ފަހިކޮށްދިނުމުގައި އެއާލައިންތަކާއި އޮޕަރޭޓަރުން ދެއްވި ހާއްސަ އެހީތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ،" އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާ ޝުކުރުއަދާކުރައްވަމުން ވިދާޅުވި އެވެ.

އެމްއޭސީއެލުން އިތުރަށް ބުނެފައިވަނީ މި ފާހަގަކޮށްލެވޭ ކާމިޔާބީގެ ސަބަބުން އޭވިއޭޝަން ދާއިރާގެ މުހިއްމު ފަރާތެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގާމު ވަރުގަދަވެގެންދާނެ ކަމަށާއި އެއާޕޯޓުގެ ފުޅާވަމުން އަންނަ އޮޕަރޭޝަންތަކާއި ހިދުމަތްތަކުގެ ތެރޭގައި ފިނި މޫސުމުގެ ޕީކް ސީޒަނަށް ޖާގަ ދިނުމަށް ތަންފީޒުކުރާ ބަދަލުތައް ފެނިގެންދާނެ ކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން