ޗައިނާއާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް އިތުރުކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި އެއްވަނަ ޖާގަ ހޯދާ ތަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމާޒުހިއްފަވާފައިވާ ކަމަށެވެ. ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ޗައިނާގައި ކުރިއަށްދިޔަ "މޯލްޑިވްސް އިންވެސްޓް ފޯރަމް" ގެ ތެރެއިންނެވެ.

ރައީސްގެ އެ އަމާޒު ހަގީގަތަކަށް ހެދުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ އަދި އެއްއެމްޕީއާރްސީ ގުޅިގެން ވަރަށް އަވަހަށް ޗައިނާގެ އެކި ޕްރޮވިންސްތަކުގައި "ޑެސްޓިނޭޝަން" މާކެޓިންގގެ ގިނަ މަސައްކަތްތަކެއް ފަށާނެ ކަމަށް މިނިސްޓަ ވިދާޅުވިއެވެ. އެ މަސައްކަތުގައި ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތު ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާއާއިން ރާއްޖެއަށް ދަތުރުކުެމރާ ޑައިރެކްޓް ފްލައިޓްތައް އިތުރު ކުރުމަށްޓަކާ އެޤައުމުގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުކުރެވޭނެ ގޮތް މަގުފަހިކުރުމަށްވެސް ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރ ފައިސަލް ހާމަކުރައްވާފައި ވެއެވެ.

"އިންޑަސްޓްރީގެ އެންމެން ބައިވެރިކޮށްގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ޗައިނާއަށް ފޯކަސް ކޮށްގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ދެން ޑައިރެކްޓް ފްލައިޓުތަކާއި އިތުރު އެއަރލައިން ފެށޭނެ ގޮތާއި ގުޅޭގޮތުންވެސް އަޅުގަނޑުމެން މިދަނީ މިހާރު މަޝްވަރާކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޤަބޫލުކުރެވެނީ މިކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެކަމަށް." ވަޒީރު ފައިސަލް އިބްރާހީމް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އެއް ގައުމެވެ. ކޮވިޑްގެ ސަބަބުން އެ ޤައުމުގެ ބޯޑަރު ބަންދުވުމަށްފަހު އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން