ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހިނގާ ޖަނަވަރީ މަހުގެ 30 ގައި ހުޅާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވަނީ، ޖެނުއަރީ 30 ން ފެބުރުއަރީ 14 ގެ ނިޔަލަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރިހުގެ ގޮތުގައި ކަނޑަައަޅާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހެވެ.

މި ފަހަރުގެ އިންތިހާބަށް މިޙާރުވެސް ކެންޑިޑޭޓުން ދަނީ ކެމްޕޭން ކުރަމުން ނެވެ. އަދި ބައެއް ޕާޓީތަކުގެ ކެނިޑޭޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ވަނީ ޕާޓީގެ ޓިކެޓް ދީފައެވެ. އަދި ޕާޓީގެ ތެރެއިން އެއް ކެންޑިޑޭޓުންނަށްވުރެ ގިނަ ކެންޑިޑޭޓުން ޓިކެޓަށް އެދިފައިވާ ދާއިރާތަކުގެ ޓިކެޓް ލިބޭ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބައެއް ޕާޓީތަކުން މިހާރު ވަނީ ޕްރައިމަރީ ބާއްވާނެ ތާރީޚުވެސް އިޢުލާން ކޮށްފައެވެ.

މިފަހަރުގެ އިންތިހާބުގައި މަޖިލީހަށް އަލަށް އިތުރުވި ދާއިރާތަކާއެކު މި ފަހަރުގެ އިންތިހާބުުގައި 93 ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުން ނެވެ.

މަޖިލިސް އިންތިހާބު ރޯދަމަހާއި ދިމާވާތީ ބައެއް ފަރާތްތަކުން އަންނަނީ އިންތިހާބު ރޯދަމަހު ނުބޭއްވުމަށް ގޮވާލަމުންނެެވެ. އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވަންޖެހޭނީ ގާނޫނާއި އެއްގޮތަކަށް ކަމަށެވެެ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރިހު ރޯދަމަހުގެ ކުރިއަށް ވެސް އަދި ފަހަތަަށް ވެސް ޖެއްސެން ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން