ކ. ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެމަސައްކަތާ ހަވާލުވެފައިވާ އާބަންކޯއިން ބުނެފިި އެވެ.

އާބަންކޯއިން ބުނެފައިވާގޮތުގައި އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިމިގެންދާނެ އެވެ. އަދި އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފަވާކަމަށްވެސް އެކޯޕަރޭޝަނުން ބުނެފައިވެ އެވެ.

މީގެ އިތުރުން އާބަންކޯއިން ބުނެފައިވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ހިއްކަމުންދާ ތިން އޭރިއާ ކަމުގައިވާ އޭރިއާ އޭ، ބީ، އަދި އޭރިއާ އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އެ ކޯޕަރޭޝަނާއި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އާބަންކޯއިން ބުނެފައިވާގޮތުން ތިލަފުށީގެ ބިންހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި އާބަންކޯއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުންކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަން އެކޯޕަރޭޝަނުން ފާހަގަކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން