ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން (ކ)
ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން (ކ)
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަގައި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާލިބޭ ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ 14 ޑިސެންބަރު 2023 ގައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ ޔުނާން ދޫކޮށްލުމަށް ނިންމި ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް ޔުނާންގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ޚިލާފުވެފައިވާތީ އޭނާ އަލުން ބަންދުކޮށްދިނުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ހުށައެޅި ކަމަށެވެ.

ނަމަވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އެކަމުގައި ގޮތެއް ނިންމެވުމުގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ޔުނާންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމަށް 10 ޖަނަވަރީ 2024 ގައި ކަނޑައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

“ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން 11 ޖަނަވަރީ 2024 ދުވަހު ފުލުހުން މުޙައްމަދު ޔުނާން ހައްޔަރުކުރިއެވެ. އަދި މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން އޭނާ އަލުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން ނިންމަވާފައިވެއެވެ.” ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މުޙައްމަދު ޔުނާންގެ މައްޗަށް ދަޢުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި, ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައެވެ.

ޔުނާން އާއި އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށް ތުހުމަތު ކުރެވެނީ އާއިލާގެ ކުޑަފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި އެދެމަފިރިން ފުލުހުން ހައްޔަރުކޮށްފައި ވަނީ 2020 އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އަދި އޭނާގެ އަނބީހާ ރިހުލާގެ މައްޗަށް ފަސް ދައުވާ އެއް އުފުލާފައިވެއެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާ ތަކަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާއަކާއި، އެ ކުޑަކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާއަކާއި، އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.

ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން އާއިލާގެ ކުޑަކުއްޖަަކާއެކު ޖިންސީ އަމަލެެއް ހިންގުމުގެ ދައުވާ ޔުނާންގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. މި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޔުނާންގެ މައްޗަށް އެންމެ މަދުވެގެން 110 ނުވަތަ ގިނަވެގެން 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން