ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަތްސަތޭކައެއްހާ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަތްސަތޭކައާ ގާތްކުރާ ޢަދަދަކަށް ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފައިނަލް ޢަދަދެއް އެނގޭނީ އިންތިޚާބުގެ ރީރެޖިސްޓްރޭޝަންގެ މަސައްކަތްތައް ނިމުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.

މަޖިލީހުގެ އިންތިހާބުގައި ރާއްޖޭން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓު އޮފީހެއް ހުންނަ، އަދި މަދުވެގެން 150 މީހުން ރެޖިސްޓްރީކުރާ ގައުމުތަކުގައެވެ. އަދި މަދުވެގެން 30 މީހުން ރެޖިސްޓްރީކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ހަދަމުންދާ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބު ބާއްވަނީ ރޯދަ މަހުގައި ކަމަށްވުމުން، ގިނަ ވަގުތު ކިއުތަކުގައި ތިބެން ނުޖެހޭގޮތަށް ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ނިންމާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވިހި24" އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު 2024ގައި ބާއްވާތީ އީސީން ކަނޑައެޅުއްވި ޝިއާރެކެވެ. މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު މިހާރު ޢާއްމުކޮށްފައިވާއިރު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284،327 މީހުންނަށެވެ.

އީސީން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21ގެ ނިޔަލަށް ހުޅުވައިލައިފައެވެ.

19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރުހަމަވާނީ މިއަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހުއެވެ. ގާނޫނު ބުނާ ގޮތުން މެމްބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. މިއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށް ވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން