ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ރާއްޖޭގެ ރަންބިސްއަޅާ ކުކުޅު ބިސް އެޅުން ހުއްޓިގައުމުގެ އިގްތިސާދު މިއަދު މިވަނީ އިނދަޖެހިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ މުޅި އިގުތިސޯދުގެ މައި ބަދައެވެ. ކޯވިޑާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާއެމު ރާއްޖޭގެ މައިބަދަ ފުނޑުނީއެވެ. ތެދުވާހާ ވަރުވެސް ނެތުނީއެވެ.

މިފަހުގެ ތާރީޚެއްގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ކުޑަ ނަމަވެސް ލޮޅުމެއް އަރާފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައެވެ. ނަމަވެސް އެއީ ވެސް ކުޑަ ދުވަސް ކޮޅަކަށެވެ. ކުޑަ ފަރުވާއަކުން ވަރަށް އަވަހަށް އެފާރުގަނޑު ހެއުވެ އިހު ހުރިހާލަތަށް ރުޖޫޢަ ކުރެވިއްޖެއެވެ. ސުނާމީއަށްވުރެ ބޮޑު ގެއްލުމެއް ކޯވިޑާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކޮށްފައިވާއިރު މިއީ ފަހުގެ ތާރިޚެއްގައި ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓުނު ފުރަތަމަ ފަހަރެވެ.

ހަގީގަތުގައި ވެސް ރާއްޖޭގެ ބޯޑަރު ބަންދުކުރީ އޭރު ހެދޭނެ އެހެން ގޮތެއް ދޭނެ އެހެން ފަރުވާއެއް، ވިސްނުމެއް ނެތިގެން ހަމަ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުމުންނެވެ. ސަރުކާރުން ބުރަވީ ހަމައެކަނި ޞިއްޙީ މާހިރުންގެ ލަފަޔަށެވެ. ބަލީގެ ބިރުވެރިކަން އޮތީ އެހާވެސް ބޮޑުވެފައެވެ. އެހެންވީމާ ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން ބޯޑަރު ބަންދުކޮށްލީއެވެ. އޭރު ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ރޯގާގެ ބިރުވެރިކަމުގައި ތިބީ މުޅި ގައުމުވެސް ބަންދު ކޮށްގެންނެވެ. ބޯޑަރު ބަންދު ކުރުމާއެކު ފަތުރުވެރިކަން ބަންދުވީއެވެ. މިހާހިސާބަށް ދިޔައިރު އަސްލު ރާއްޖޭގެ ފަތުރުވެރިކަމުގެ ހަގީގީ ބާނީންގެ މަތީން ކުޑަކޮށްވެސް ހަނދާން ނެތުނީ ކަންނޭގެއެވެ. އެމީހުންގެ އަޑެއްނީވޭތާގައި އެމީހުންގެ ލަފައެއްގެ ވާހަކައެއްވެސް ނާދެއެވެ.

އޭރުވެސް ބައެއް ތަޖުރިބާކާރުން ސިއްރު ސިއްރުން ކިޔަމުން ދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި އޮތް ކަހަލަ ފަތުރުވެރިކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ރިސޯޓު ތަކަކީ ވަކިން ހުރި ރަށްތަކެކެވެ. ރިސޯޓަށް އެރުމުން ފަތުރުވެރިޔާ އެކަހެރިވީއެވެ. ކަރަންޓީނު ކުރެވުނީއެވެ. ހޯދަން ޖެހޭނީ ސަލާމަތާއި ރައްކާތެރިކަމާއެކު ރަށަށް އެރޭނެ ގޮތަކާއި ފައިބާނެ ގޮތެކެވެ. އޭނާއަށް ޚިދުމަތް ދޭނެ ރައްކާތެރި ގޮތްތަކެވެ. ހަތަރު ވަރަކަށް މަސް ދުވަހަށް ފަހު ރާއްޖޭގެ ބޯޑަރ މިއަދު ހުޅުވާލާފައި އެއޮތީ މިދެންނެވި ގޮތަށެވެ. އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވާލައި ދަތުރު ކުރަން ހުއްދަ ކުރާނަމަ ކޯވިޑާއެކު ނުވަތަ މިހާލަތުގައި ރާއްޖެއަށްވުރެ ދަތުރުކުރަން ރައްކާތެރި މަންޒިލެއް ނެތެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން އައުމުގެ ހުއްދަދިންއިރު ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރ ހުޅުވާލައި ފަތުރުވެރިކަން އަލުން ފަށާފައިވާއިރު 10 ދުވަސްތެރޭ ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

އެތައް ދުވަހަކުން ނޫނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށްފަހު އެގެއްލުން ފޫބެއްދޭތޯ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލައި ގައުމަށް ރަނގަޅަށް ހިންދެމި ނުލެވި އުޅެނިކޮށް އަނެއްކާވެސް ސަރުކާރުގެ ވެރިން އައިއެސް އާއި ހައްދު ފަހަނައަޅާފައިވާ ފިކުރު ރާއްޖޭގައި އޮތް ކަމަށް ވިދާޅުވެ މި ދުނިޔެމަތީގެ ސުވަރުގެ ކަމަށް ގިނަ ބަޔަކު ސިފަކުރާ ދިވެހިރާއްޖެ "ނަރަކަ" އެއް ގޮތަށް ބަޔަކަށް ދައްކައިދޭން އުޅުމުން އެފަރާތްތަކުގެ އިޚުލާސްތެރިކަމާއި މަގުސަދާ މެދު ސުވާލު އުފެދެނީ މިއަދު ރާއްޖެ އޮތް ނިކަމެތި ހާލަތު ފެނިފައެވެ. ދިވެހީންގެ މައިބަދަ ބިނދި ގިނަ ދިވެހީންނަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތި ހަތަރު އުދަރެސް ފެނުޖެހިފައިވާތީއެވެ.

މިނިވަން ދުވަހާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޚިތާބުގައި މުޅި އިގްތިސޯދު ވެސް ކަރުތާފެނަށް ގެނބިފައިވާ ކަމަށް ވަނީ ސިފަކުރައްވާފައެވެ. ރާއްޖޭގެ އިގްތިސާދު ވެންޓިލޭޓަރުގައި އޮތް ކަމަށް ސަރުކާރުގެ ވެރިން އިއްތިފާގުވެއެވެ. ރާއްޖޭގެ އިގްތިސާދު ބަރޯސާވާ ރަންބިސް އަޅާ ކުކުޅުވެސް އޮތީ ވެންޓިލޭޓަރުގައެވެ. އިގުތިސީދަށް ރަންބިސް އަޅައިދޭ ކުކުޅު ވެންޓިލޭޓަރުން ނަގައި އަލުން ދިރޭތޯ ކުރެވޭން އޮތް މަސައްކަތެއް ސަރުކާރުގެ އެއްބަޔަކު ހޭބޯނާރާ ކުރަނީއެވެ. ކުރެވުނު ގޮތަކަށް އިސްތިހާރުކޮށް ދެވުނުހާ ލުއިތަކެއް ދީގެން ފަތުރުވެރިން ހިތްހަމަޖެހޭ އުފާވެރި މަންޒިލަކަށް ރާއްޖެ ހެދޭތޯ ސަރުކާރާއި އަމިއްލަ ފަރާތްތަކުން އެއް އަޒުމެއްގައި އަތުކުރި އޮޅާލައިގެން ނޭވާ ނުލާ މަސައްކަތް ކުރަނީއެވެ. މި ދަނޑިވަޅުގައި އެމީހުން ނުރުހޭ ފަދަ ނުވަތަ ފަތުރުވެރިން ރާއްޖެ އައުމަށް ފަހަތަށް ޖެހޭ އެއްވެސް މަންޒަރެއް، އަޑެއް ފޮޓޯއެއް، ވީޑިއޯއެއް އަދި ޚަބަރެއްވެސް ބޭރުވިޔަ ނުދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކި އެމީހުން ގަޔާވާހާ ވާހަކައެއް، މަންޒަރެއް ދެއްކޭތޯ ކުރެވޭ މަސައްކަތް ދެގުނަ ތިން ގުނައަށް ޖައްސާލައިގެންނެވެ.

ނަމަވެސް ދައުލަތުގެ ބައެއް ބާރުތަކުގެ ވެރިން، އިސް ބޭބޭފުޅުން މިކަމަށް މާބޮޑު ސަމާލުކަމެއް ދެއްވާ ކަމަކަށް، ފެންނަ މަންޒަރު ތަކުންނާއި އިވޭ އަޑު ތަކަކުން ހަމަ ހީނުވާ ކަމުގައި ހިތާމައާއިއެކު ދަންނަވަން ޖެހެއެވެ. އެއްބަޔަކު ހޭބޯނާރާ ދުވާލަކު އެންމެ ފަތުރުވެރިއަކު ނަމަވެސް ގައުމަށް ވެއްދޭތޯ، އެތެރެ ކުރެވޭތޯ ބުރަ މަސައްކަތް ކުރަމުން ގެންދާއިރު ގައުމުގެ ބައެއް ބާރުތަކުން މިދައްކަވަނީ މިގައުމުގައި އައިއެސްގެ ހަނގުރާމަވެރިންގެ ބާރު ގަދަކުރަމުންދާ ވާހަކައެވެ. މި ގައުމުގައި ގަވާޢިދާ ޚިލާފަށް އުޅޭ ލައްކައެއްހާ ބިދޭސީންނަކީ އިންސާނީ ވަގުފާރީގެ ގޮތުގައި ގައުމަށް އެތެރެކޮށްފައިވާ މީހުން ކަމަށެވެ.

ދައުލަތުގެ އެއްބާރުގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ގައުމުގެ ދިފާޢީ ބާރުގެ ވެރިޔާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިފަދަ ހައްސާސް ދަނޑިވަޅެއްގައިވެސް މިދައްކަވަނީ ވަރަށް ތަފާތު ވާހަކަ ތަކެކެވެ. އެބޭފުޅުން އެވާހަކަ އެދެއްކެވީ ގޯސް ނިޔަތެއްގައިކަމަށް ދަންވަނީއަކީ ނޫނެވެ. އަދި އެއީ މިނިވަން ދުވަހެއް ފާހަގަ ކުރާއިރު ދައްކާން އެންމެ އައުލާކަން ބޮޑު ވާހަކަ ކަމުގައިވެސް ވެދާނެއެވެ. އެކަމަކު މިހާތަނަށް މިގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފަދަ ހާދިސާއެއް އައިއެސް އަކުން އެބުނާ ކަހަލަ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން ހިންގާފައެއް ނުވެއެވެ. މިހާރުގެ ޖީލުގެ ދަރީންގެ ހަނދާނުގައި އެފަދަ ވާހަކައެއްގެ ގޮތުގައި ހުންނާނީ ނޮވެންބަރު ތިނެއްގެ ހާދިސާގެ ވާހަކައެވެ. ބާޣީން ހަތިޔާރާއެކު މާލެއަރާ މާލެ ހިފަން އުޅުނު ވާހަހަކައެވެ. މިނިވަންކަން ގެއްލިގެން ދިޔަ ހިނދުކޮޅެއްގެ ވާހަކަ ދައްކަންޏާ ހިއްމައްޗަށް އަންނާނީ އެވާހަކައެވެ.

އައިއެސް އާއި ހައްދު ފަހަނައެޅި ފިކުރު ރާއްޖޭގައި އުޅޭ ވާހަކަ އަކީ އިއްޔެ އަކު މިއަދަކު ދައްކާ ވާހަކަ އެއް ނޫނެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގެ ފަހަތުގައި އައިއެސް ޖަމާއަތާއި ހައްދު ފަހަނަ އެޅި ޖަމާއަތްތަކުގެ ފިކުރު ހިމެނޭ ކަމަށް މަރު ކޮމިޝަންގެ ރިޕޯޓާއި ފުލުހުންވެސް ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ކުރެވޭ ތުހުމަތުތަކެކެވެ. ގާ ފުރޮޅަ ފުރޮޅާ ވެސް އެއްވެސް ހެއްކެއް ގަރީނާއެއް ފެނުނު ކަމަކަށް އަދި ނުވެއެވެ. އެބުނާ ކަހަލަ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް ބުނާ ބަޔަކު ދޭތެރެއަކުން ހައްޔަރުކޮށްފައި ނެތް ވާހަކައެއް ނޫނެވެ. އަދި އެފަދަ މީހުން ރާއްޖޭގައި ވެސް ނޫޅެއެކޭ ނޫނެވެ. އެބުނާ ކަހަލަ ދީނީ ގޮތުން ހައްދުފަހަނައަޅާ ދާ މީހުންނާއި ލާދީނީ މީހުންވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް އުޅެއެވެ. އެކަމަކު އައިއެސްގެ ވާހަކަ އާއި އެބުނާ ކަހަލަ ހައްދު ފަހަނަ އެޅި ޖަމާއަތްތަކުގެ ވާހަކަ ދިޔައީ ހަމަ ޖަމަލު ފޮޑިއަށެވެ. އެވާހަކައަކީ މިހާރު ވަކި މޫސުމަކަށް، ވަކި ހާލަތު ތަކެއްގައި ދެކެވޭ ވާހަކައަކަށް ވަނީ ވެފައެވެ.

ކަންމިހެން އޮތް އިރު މިދަނޑިވަޅުގައި ހޮޅި ވާހަކަ ދައްކައިގެން ކޮޅެއް މެދެއް، ހަގީގަތެއް ނޭނގޭ އައިއެސް ގެ ހަނގުރާމަވެރިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ދިވެހިރާއްޖެއަކީ އެބުނާ އައިއެސްއަށް މީހުން ފޮނުވާ ގައުމެއް ކަމަށް ނުވަތަ އައިއެސްގެ ހަބެއް ކަމަށް ސިފަކޮށް ދުނިޔޭގައި ދިވެހި ގައުމުގެ ނަން މިވަގުތު ކިލަނބު ކުރުމަކީ އޭގެ ގެއްލުމާއި ނުރަނގަޅު އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ނުކޮށް ނުދާނެ ކަމެކެވެ. ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު މިވަގުތު މިފަދަ ވާހަކަތައް ދައްކައިގެން މީޑިއާގެ ސުރުޚީތައް ހަދައި ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ސަމާލުކަން ހޯދައި އެކަމާ ދެކޮޅަށް ރިޕޯޓްތައް ނެރުމަކީ "ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން" ކަހަލަ ކަމެކެވެ.

ރައީސް ނަޝީދަކަސް މާރިޔާ އަކަސް މިއަދު ކިތަންމެ ހެއު ނިޔަތެއްގައި ކިތަންމެ އިހުލާސްތެރި ކަމާއެކު ކިތަންމެ މޮޅަށް އެވާހަކަ ދެއްކެވި ނަމަވެސް އެއީ ގައުމަށް ހެއު އެދިގެން ދައްކަވާ ވާހަކަ އެއް ކަމަކަށް މިއަދު ދިވެހީންނަކަށް ނުދެންނެވޭނެއެވެ. މިއަދު ގިނަ ރައްޔިތުންނަށް ފެންނަނީ އެއަށްވުރެ މާ ނިކަމެތިކޮށެވެ. ގިނަ ރައްޔިތުން ތިބީ ހީކުރާ ވަރަށްވުރވެސް މާ ދަތި ހާލުގައެވެ. ގައުމު މި ފުން ވަޅުގަނޑުން އަރައިގަންނާނެ އިރެއް ވެސް ނޭނގެއެވެ. ފަތުރުވެރިކަމުގެ އާމްދަނީ ކުރީގެ އޮތް ހާލަތަށް އަންނާނެ ދުވަހެއް ނޭނގެއެވެ. ކޯވިޑްގެ ނުރައްކާތެރި ކަޅު ވިލާގަނޑު ނަގާފައި އޮތީ ކިހާ ދުރަކަށް ކަމެއްވެސް އެނގެނީކީ ނޫނެވެ.

ރިސޯޓުތައް ބަންދު ކުރުމުން ދެއަތް އުރާލައިގެން ރަށަށް ގޮސް ވަޒީފާގެ އިންތިޒާރުގައި ފެންކަޅިވެފައި އެތިބި ޒުވާނުން އެތިބީ ހަގީގަތުގައި ވެސް ހަމަ ގޮތް ހުސްވެފައެވެ. އަނބި މީހާގެ އުރުގައި އިން ދަރިފުޅާއި އިނގިލި ކުރީގައި ހިފައިގެން އެހެރަ ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން އޭނާ ފެންކަޅިވެފައި ހުރި އިރު މައިންބަފައިން ބޭރު ޖޯލިފަތީގައި ފިކުރު ބޮޑުވެފައި އެތިބީ އޭނާގެ އާމްދަނީ ހުއްޓިފައިވާތީކަން އެނގުނަސް މިއަދު އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ހަމަގައިމުވެސް އެ ނިކަމެތި ޒުވާނާ މިހާރުވެސް ފިކުރު ހިންގާނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައިގެން ފަތުރިވެރިން ރާއްޖެއަށް އައިސް އޭނާ މަސައްކަތް ކުރަމުން ދިޔަ ރިސޯޓް އަލުން ހުޅުވައި އޭނާގެ ވަޒީފާ އަލުން އިޢާދަވެ އާމްދަނީ ލިބެން ފަށާނެ ދުވަހަކަށެވެ. އެކަމަށް ގައުމުގެ ވެރީން ކުރަމުންދާ މަސައްކަތުގެ ނަތީޖާއާއި މެދުގައެވެ. އެކަމަކު އޭނާއަށް މިއަދު އިވެނީ އެ އުއްމީދީ އަޑުތަކެއް ނޫނެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ނެޓްވޯކެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން މިހަފްތާގައި ނެރުނު ރިޕޯޓެއްގައިވެސް ވަނީ ބުނެފައެވެ. އެ ރިޕޯޓުގައިވަނީ ރާއްޖޭގައި އައިއެސްއަށް ވާގިވެރިވާ ފަރާތްތަކަކާ އެކު އެ ޖަމާއަތުން ރާއްޖޭގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު މޮނިޓަރިން ޓީމަށް ލިބިފައިވާ ކަމަށެވެ. މިވާހަކަ ތައް ދައްކަން އެފަރާތްތަކަށް ޖާގަ ލިބެނީ ސަރުކާރުގެ އިސްވެރިން ދައްކަވާ އަސްލެއް ނެތް ހޮޅި ވާހަކަ ތަކުގެ ސަބަބުންނެވެ.

އަދި މިދިޔަ އޭޕްރީލް މަހު އދ. މަހިބަދޫ ފަޅުގައި ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމަކީ އައިއެސް އިން ރާއްޖޭގައި ހިންގި ފުރަތަމަ ޓެރަރިސްޓް ހަރަކާތް ކަމަށާއި އެ ހަމަލާއަކީ ހައްދުފަހަނާއަޅާފައިވާ މީހުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމުން ދިން ހަމަލާއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެހަމަލާތައް އައިއެސްއާއި ގުޅުވައިގެން އެކަން ކަށަވަރުކޮށް މުޅި ދުނިޔެއަށް ހާމަކޮށްދިނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންނެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް އިނގިރޭސިބަހުން ޓްވީޓްކުރައްވައި ޔަގީންކަމާއެކު މީޑިއާތަކަށް އެފަދަ މައުލޫމާތު ތައް ދެެއްވާފައިވަނީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި ފުލުހުންގެ އިސް ވެރީންނެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް ފުލުހުންނަކަށް އޭގެ ހަގީގަތެއް ނުހޯދެއެވެ. އެބުނާ ކަހަލަ ޝައްކު ތަކެއް ވެގެން ބައެއްގެ ފައިގައި ޓެގް އެޅުވި ކަމަށް ބަޒީރު އިމްރާން ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވި މެސެޖުގައިވެސް އެންމެ މުހިންމު ކަމެއް ދެއްވައިގެން ސަމާލުކަމަށް ގެންނަވާފައިވަނީ ރާއްޖޭގައި އައިއެސްގެ ބާރުތައް ހަރަކާތްތެރިވާކަމުގެ ވާހަކައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓި އިގުތިޞާދު ފުނފުނޑުވެފައިވާ ދަނޑިވަޅެއްގައި އެސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމުގައި މި ޚަބަރުތަކާ ގުޅިގެން ޚިޔާލުފާޅުކޮށްފައިވާ އާންމުން ބުނެފައިވެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އޮތްމިންވަރާއި ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ އެހެން ގައުމުތަކާ އަޅައި ބަލާއިރު ވަރަށްވެސް ބިރުވެރި ގޮތަކަށް ކަމަށެވެ. ރާއްޖޭގެ ހުރިހާ އެންމެންނަކީވެސް މުސްލިމުން ކަމަށާއި ފެނިގެން މިދަނީ މުސްލިމުން ދަރަޖަ ކުރަމުން ގެންދާ މަންޒަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ދިވެހިވަންތަ އެއްވެސް ކަމެއް ގަބޫލު ނުކުރާ ކަމަށާއި އެމީހުން ދައްކައިދެނީ އެއީ ވަކި ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

ކޮންމެ އަކަސް ރާއްޖޭގެ މީޑިޔާތަކުގެ ސަމާލު ކަން ލިބޭ ބައެއް ވާހަކަތައް އޮއްބާލަން ވެސް ހަރުކަށި ފިކުރުގެ ވާހަކަ ސިޔާސީ ފަރާތްތަކުން، ސަރުކާރުން ވަރަށް ގިނައިން ދައްކައެވެ. އެގޮތުން ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދީނާ ޚިލާފު ވާހަކަތަކެއް ހިމަނައިގެން އެމްޑީއެން އިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ އުތެމަ އިން، އިތުރު ރިޕޯޓެއް ނެރުނު މައްސަލަ ހޫނުވެ އެޖަމިއްޔާ އުވާލަން ދީނީ އިލްމްވެރިންނާއި އާންމުން ގޮވާލަމުންދާ މި ދަނޑިވަޅުގައި އައިއެސް އާއި ހަރުކަށި ފިކުރުގެ ވާހަކަ އައުން މިއީ ހަމަ އިއްތިފާގެއްތޯ ސުވާލު އުފެދެއެވެ.

މިވަގުތަކީ އައިއެސްގެ ވާހަކައާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ރާއްޖެއަށް އަތް ގަދަކޮށް އެމީހުންނާހެދި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ބިރުވެރި، ނުރައްކާތެރި ގައުމުކަން ހާމަކޮށް ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ފަރާތުން އެހީ ހޯދައި، މެޑަލް ޖަހަން މަސައްކަތް ކުރަންވީ ވަގުތެއް ނޫނެވެ. މިއަދަކީ އިސްލާމް ދީނުގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތައް ރާއްޖޭގައި އޮތް ކަމުގެ ބިރުވެރިކަން ހުޅަނގުގެ ޖަމާއަތްތަކަށް ދައްކައިގެން އެމީހުން ނައްތާލުމުގެ ނަމުގައި، އިސްލާމްދީނާ ދެކޮޅުވެރިކަން ދައްކައިގެން އެމީހުންގެ ހިތް ޚަލާޞް ހޯދަންވީ ވަގުތެއްވެސް ނޫނެވެ. ގައުމު ހިންގަވާން ތިއްބެވި ބޭފުޅުން ބޭނުންފުޅިއްޔާ އެކަން އެގޮތަށް ކުރެވިދާނެ އެވެ. އެކަމަކު އޭރުން ހުތުރުވާނީ ގައުމަށެވެ. ދިވެހި ރާއްޖެއަކީ "މި ދުނިޔެމަތީގެ ސުވަރުގެ" އަކަށް އޭރަކުން ހަމަގައިމުވެސް ނުވާނެއެވެ. އަދި ދިވެހި ރާއްޖެއަކީ "ސަނީ ސައިޑް އޮފް ލައިފް" އަކަށްވެސް ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން