12 ކައުންސިލަރުންނާއެކު މާލެސިޓީ ކައުންސިލްގެ އަޤުލަބިއްޔަތު އަދިވެސް އޮތީ ޕީޕީއެމް/ޕީއެންސީއަށް ކަމަށް ވެރިކަންކުރާ ކޯލިޝަނުން ބުނެފިއެވެ.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މާލެސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އަހުމަދެވެ. އަދި މާލެސިޓީ ކައުންސިލްގެ މާފަންނު ދެކުނު ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ކޯލިޝަންގެ ހަސަން ނިޒާމެވެ.

މިކާމިޔާބީ ފާހަގަކޮށް ވެރިކަން ކުރާ ކޯލިޝަނުން ބުނީ މާލެސިޓީ ކައުންސިލްގައި ސަރުކާރު ހިންގާ ކޯލިޝަންގެ 12 މެމްބަރުން މިހާރުވެސް ތިއްބަވާ ކަމަށެވެ.

މާލެސިޓީގެ ދެ ގޮނޑި ޕީޕީއެމް/ޕީއެންސީގެ ދެ މެމްބަރަކު ކާމިޔާބުކުރައްވާފައިވާއިރު މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި -އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މޭޔަރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56،002 މީހަކަށް ލިބިފައިވާ ކަމަށެވެ. އޭގެތެރެއިން 17000 މީހުން މި އިންތިހާބުގައި ވޯޓުލާން ނުކުމެފައިވާއިރު އެއީ ގާތްގަނޑަކަށް 40 ޕަސަންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ވަނީ މިފަދަ އިންތިޚާބުތަކުގައި ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މަދުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން