މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ރައީސް ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ, އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

އޭގެއިތުރުން ލަންކާގެ ޚާރިޖީ ވަޒީރާއި ސަރުކާރުގެ ބައެއް އިސްވެރިންނާވެސް މަޖިލީހުގެ ރައީސް ބައްދަލުކުރައްވާނެއެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިއީ މަޖިލިހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް އަސްލަމް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. އަސްލަމް ވަނީ ދާދި ފަހުން ރަސްމީ ދަތުރުފުޅެއްގައި ޔުގެންޑާއަށް ވަޑައިގެން ކޮމަންވެލްތްގައި ހިމެނިވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިޝަލުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން