އެއް އިންތިޚާބަށްވުރެ އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ފުއާދު ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދޭހަވަނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަން ކަމަށެވެ.

ފުއާދު ވިދާޅުވީ އެއް އިންތިޚާބަށްވުރެ އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށާއި އެކަމަށް ޙައްލެއް ހޯދުމަށް އީސީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޚާބުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަށްވާ ކަމަށާއި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާން ކަނޑައަޅާފައި އޮތް ވަގުތު އިތުރު ކުރުމަށް ޤައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރަން ނިންމަވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

“އެ ގަޑިތޯ އެންމެ ރަނގަޅީ. ނޫނީ ކުޑަ ތަންކޮޅެއް ފަހަތަށް ޖައްސާލުންތޯ ރަނގަޅީ.” ފުވާދު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އިންތިޚާބުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ރައްޔިތުން ކިޔޫގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށް އީސީން ވަނީ ވޯޓުފޮށިތަކުގެ އަދަދު އިތުރު ކުރުމަށް ނިންމާފައެވެ. އެގޮތުން 600 ވޯޓު ފޮށި މުޅި ރާއްޖޭގައި ބަހައްޓާއިރު މާލެ ސަރަހައްދުގައި 200 އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން