ކުއްލި ހާލަތްތަކުގައި ކުރިއަށް ގެންދާ މެޑިކަލް އިވެލިއުއޭޝަން ތަކުގައި ރައީސަށް ހާލަތު އަންގަން ނުޖެހޭކަމަށާއި އެއީ ކަމާ ގުޅޭ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ޑިފެންސް މިނިސަޓަރ މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައްސާން މިހެން ވިދާޅުވެފައިވަނީ މާލެ ގެނައުން ލަސްވެ, ހާލު ސީރިއަސްވި ބަލިމީހަކު ނިޔާވި ކަމަށް ބުނެ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެމީހުން ބުނާގޮތުން މިހާދިސާގައި ބަލި ކުޑަކުއްޖަކު ނިޔާވީ އިންޑިއާގެ ޑޯނިއަރ ބޯޓު މި ސަރުކާރުން ބޭނުން ނުކުރަން ހަދައިގެންނެވެ.

ގައްސާން ވިދާޅުވިގޮތުގައި ސިއްހީ ކުއްލި ހާދިސާތަކުގައި ކުރިއަށް ގެންދާ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތައް ކުރިއަށްގެންދާ އާންމުގޮތުގެ ތެރެއިން ރައީސަށް ހާލަތު އަންގަން ނުޖެހޭ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ރައީސް ހުއްދަދެއްވުމެއް ވެސް ނޯންނާނެ ކަމަށާއި މިމަސައްކަތް ކުރިއަށް ގެންދާނީ ކަމާބެހޭ އިދާރާތައް އެކީގައި މަސައްކަތް ކޮއްގެން ކަމަށްވެސް ގައްސާން ވިދާޅުވި އެވެ.

ގައްސާން އިތުރަށް ވިދާޅުވީ 2021ވަނަ އަހަރުން ފެށިގެން ތަފާސްހިސާބުތަކަށް ބަލާނަމަ މިފަދަ 93 އިންސައްތަ މެޑިކަލް އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން މެދުވެރިކޮއް ކަމަށެވެ. އާސަންދަ ކުންފުނިންވެސް މިއަދު ވަނީ މެޑިކަލް އިވެކުއޭޝަންތަކުގައި މިހާތަނަށް ގިނައިން ބޭނުންކުރެވިފައި ހުންނާނީ މޯލްޑިވިއަން ފްލައިޓްތައް ކަމަށް ބުނެފަ އެވެ.

ނަމަވެސް އެމްއެންޑީއެފުން ހަރަކާތްތެރިވާ މެޑިކަލް އިވެކުއޭޝަންތަކުގައި ބަލިމީހުން އުފުލުމަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއަރ އެއަރކްރާފްޓް އަދި ހެލިކޮޕްޓަރވެސް ބޭނުންކުރެއެވެ. އިންޑިއާއިން ހަދިޔާ ކޮށްފައިވާ ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުން ހުއްޓާލި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ތަފާސް ހިސާބަށް ބަލާއިރު، ހުސްވި އަހަރު އެކަނިވެސް އެމްއެންޑީއެފުން ޑޯނިއަރ އެއަރކްރާފްޓް އަދި ހެލިކޮޕްޓަރ ބޭނުންކޮށްގެން 137 މެޑިކަލް އިވެކުއޭޝަން ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފުން މެޑިކަލް އިވެކުއޭޝަންގައި ހަރަކާތްތެރިވަނީ ހާލަތު ދެނެގަތުމަށްފަހު އާސަންދައިން ކުރާ ރިކުއެސްޓްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން