ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހު 31 ގައި ބާއްވަން ނިންމާފައި އޮތް، އިންތިހާބާގުޅޭ ކަންތައްތައް ހުއްޓާލަން ފީފާއާއި އޭއެފްސީން އަންގައިފި ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިޤް، ޓޮމް ވިދާޅުވެއްޖެއެވެ.

އެފްއޭއެމް އިންތިހާބުގައި ރައީސް ކަމަށް ވާދަކުރަށްވާ އަހުމަދު ތޯރިގު (ޓޮމް) މިމޭރުމުން ވިދާޅުވެފައިވާއިރު ޓޮމްގެ ކެންޑިޑެސީ ބާތިލްކުރަން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމާފައެވެ. އެހެންކަމުން އެ މައްސަލަ ޓޮމްގެ ފަރާތުން ވަނީ ފީފާ އާއި އޭއެފްސީއަށް ހުށައަޅާފައެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން އެކަމުގައި ފީފާ އާއި އޭއެފްސީގެ ލަފަ އަކަށް އެފްއޭއެމުންވެސް ވަނީ އެދިފައެވެ.

އެފްއޭއެމްގެ އިންތިޚާބުގެ މައްސަލާގައި ޓޮމް މިއަދު ވިދާޅުވީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ނިންމައި، ފީފާ އާއި އޭއެފްސީން އެފްއޭއެމް އިންތިހާބުގެ ކަންކަން ހުއްޓާލަން އަންގާފައިވާ ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިޚާބުގެ މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް ބަލައި ނުގަންނަކަމަށް ފީފާ އަދި އޭއެފްސީން ނިންމާފައިވާ ކަމަށް ޓޮމް ވިދާޅުވެފައިވެއެވެ.

އޭއެފްސީ އާއި ފީފާގެ ޖޮއިންޓް ނިންމުމުގައި ވަނީ އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލްކޮމިޓީ ނަގަންޖެހޭނީ އެއް ކޮންގްރެސްއިންކަމާއި، އެހެންކަމުން އިލެކްޓޯރަލް ކޯޑާއި އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމަށް އަންގާ ކަމަށެވެ.

“ފީފާ އަދި އޭއެފްސީގެ ނިންމުން: ކުރިއަށް ގެންދާ އިންތިޚާބުގެ ހުރިހާ މަސައްކަތެއް ހުއްޓާލުން.” ޓޮމް މީޑިއާތަކަށް ފޮނުއްވި މެސެޖްގައިވެއެވެ.

އޭގެއިތުރުން ކޮންގްރެސްއެއް ބާއްވާ އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިޚާބުކޮށް އަސާސީގަވާއިދާއި އިލެކްޓޯރަލް ކޯޑާއި އެއްގޮތަށް ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމަށްފަހު އެފްއޭއެމްގެ އިންތިހާބުގެ ޕްރޮސެސް އާ ފެށުމަކުން ފެށުމަށް ފީފާ އާއި އޭއެފްސީން އެފްއޭއެމަށް މިހާރު ވަނީ އަންގާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި ވަނިކޮށް އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު އާއި އެފްއޭއެމްގެ އެކްސްކޯ މެމްބަރު ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒު ހާޝިމް (މުފާ) މިހާރު ވަނީ ފޯމު ހުށައަޅުއްވާފައެވެ.

ހަމައެއާއެކު އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ހަ މަސް ދުވަސް ބާކީ އޮއްވައި، 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އެއިދާރާގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާތީ، އިންތިހާބާ ގުޅޭ ހުރިހާ ކަމެއް، މިވަގުތަށް މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސްވެސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން