އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސުން މަޝްވަރާކޮއް ގާނޫނުުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެއްބަސްވެ ވާހަކަދެކެވިފައިވާ ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވިދާޅުވެފައިވަނީ ދެ ޕާޓީ ދެމެދުގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު އަމަލުކުރަމުންދާ ގާނޫންއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް ފާހަގަކުރެވުނު ކަމަށާއި އިދިކޮޅު ދެ ޕާޓީއިންވެސް މިކަމުގައި އެއްބަސްވާ ކަމަށެވެ.

ލަތީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މި އަދަދު ގާނޫން އަސާސީގެ ތެރެއިން ތަޅުއެޅުވިގެން ދާންޖެހޭ ކަމަށެވެ. ދާއިރާއަކަށް އިތުރުވާ ކޮންމެ 5000 ރައްޔިތަކަށް ގޮނޑިއެއް އިތުރުކުރުމަކީ ދައުލަތުގެ މާލިއްޔަޔަތުން ތަންދޭނެ ސިޔާސަތެއް ނޫންކަމަށްވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެއިތުރުން ހަސަން ލަތީފް ވިދާޅުވެފައިވަނީ މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދު ވަރަށް މަތިކަމަށާއި މިއީ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުތަކެއް ދާނެ ކަމެއް ކަމަށެވެ. އެގޮތުން ނިމިދިޔަ ދައުރުގައި ސަރުކާރު ވަޒީފާތަކަށް ހޭދަވެގެންދިޔަ އަދަދާ އަޅާ ބަލާއިރު މި ސަރުކާރުން ވަރަށް ބޮޑު އެއްޗެއް ހޭދަކުރާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ވަކި މިންވަރެއްގައި ހިފަހައްޓަން ޖެހޭކަމަށާއި ހުރިހާ ދައުރަކަށްވެސް އަމާޒުކޮށް މިންވަރެއް ކަނޑައެޅުމަށް ގާނޫންއަސާސީ ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް އުފެއްދުމުގައްޔާއި ރެގިއުލޭޓްކުރުމުގައި ވަކި މިންގަޑުތަކެއް އޮންނަންޖެހޭ ކަމަށާއި ގާނޫނުގެ ތެރެއިން މިންތަކެއް ކަނޑައެޅި އަމަލުކުރެވެންޖެހޭ ކަމަށެވެ.

އިދިކޮޅު ދެ ޕާޓީއިން ޕާލިމެންޓްރީ ބައްދަލުވުންތަކެއް ބާއްްވައި މަޝްވަރާތަކެއް ކޮއްފައިވާ ކަމަށާއި އަދި މިކަމުގެ ތެރެއިން މަޖިލީސް އިންތިހާބަށް އިސްލާހެއް ގެނައުމަށް މިހާރު އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

އެގޮތުން ރަމަޟާން މަހާ ދިމާކޮށް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމާފައިވާ ނިންމުން އިސްލާހުކުރުމަށް ހުށާހަޅާފައިވާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އަދި އަންނަ މަހު ފަހެއްގައި ފަށާ ރައްޔިތުންގެ މަޖިލިސް ބައްދަލުވުމުގެ ބޭރުން ބައްދަލުވުމެއް ބޭއްވުމަށް ދެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މި ބިލާބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެކަމަށްވެސް ހަސަން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ދެ ޕާޓީއިން ގުޅިގެން މަޝްވަރާކުރެވެނީ މިހާރުގެ ސަރުކާރާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ފައްޔާޒް އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ މި ސަރުކާރުުގެ ހާރިޖީ ސިޔާސަތާ މެދުގައެވެ. ދުނިޔޭގެ އެކި ކަނކޮޅުތަކުގައި ހަނގުރާމަތައް ހިގަމުންދާއިރުވެސް ދިވެހިރާއްޖެ ރައްކާތެރިކޮށް އޮންނަނީ ރާއްޖެއާއި އެހެން ގައުމުތަކާ އޮންނަ ގުޅުމުގެ ސަބަބުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެގޮތުން ރާްއްޖޭގެ އަވައްޓެރި އިންޑިއާއާއި މެދު ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ރައްޔިތުންނަށް ގެއްލުންހުރި ސިޔާސަތެއްކަމަށް ވިދާޅުވެ ފައްޔާޒު ވަނީ އިންޑިއާގެ ބާރުވެރިކަމުގެ ދަށުން ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން