ފުވައްމުލަކު ސިޓީގައި ޓްރާންސްފޯމަރެއް ހަލާކުވުމުގެ ސަބަބުން މުޅި ސިޓީން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވާތީ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކުގައި ހުރި ޓްރާންސްފޯމަރ ހަލާކުވުމުގެ ސަބަބުން މިއަދު މެންދުރުފަހު 15:35ގައި މުޅި ސިޓީއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ހައްލުކުރެވެމުންދާ ކަމަށާއި ހަލާކުވި ޓްރާންސްފޯރމަރުން ކަރަންޓު ދޭ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.

ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުން ހަލާކުވި ޓްރާންސްފޯމަރ ހުރި ސަރަހައްދުގައި 150 ގެއެއް ހުރެ އެވެ. އެގޮތުން މި ގެތަކަށް އަދި ކަރަންޓުގެ ހިދުމަތް ނުދެވޭކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ފެނަކައިން ބުނެފައިވަނީ ފުވައްމުލަކުން ހަލާކުވެފައިވަނީ 500 ކިލޯ ވޮލްޓް އެމްޕިއާސްގެ ޓްރާންސްފޯމަރ އެކެވެ. އަދި މި ޓްރާންސްފޯމަރުގެ ބަދަލުގައި މިހާރު އިންސްޓޯލް ކުރަނީ 1000 ކިލޯ ވޮލްޓް އެމްޕިއާސްގެ ޓްރާންސްފޯމަރެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން