ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯދަން އޭޖީ އޮފީހުން ނިންމައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް ޑރ މުހައްމަދު މުނައްވަރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމުގައި ޑރ. މުނައްވަރު މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށް އޭޖީ އޮފީހުން މަޢުލޫމާތުދީފައި ވެއެވެ.



ޑރ. މުނައްވަރަކީ ކަނޑުތަކާއި ބެހޭ ޤާނޫނުގެ އިލްމުން ޑޮކްޓަރޭޓް ޑިގްރީއެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤާނޫނީ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެއް ކަން އޭޖީ އޮފީހުން ފާހަގަކުރިއެވެ.

ޑރ. މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ އައްޔަނުކޮށްފައެވެ. މި ދެ ޤާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުން ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ. އަދި ދެ މާހިރުންގެ މަސައްކަތް ނިންމަވާ، ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ޤާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީއިން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް އަންނަ ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. މި ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން އޭޖީ އޮފީހުން ބުނެފައިވަނީ މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާއެކު މި މައްސަލައިގައި އައްޔަނުކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް އައްޔަނުކުރެވިފައިވާ ކޮމިޓީގެ ރިޕޯޓް އާންމުކުރުމަށް ބަންޑާރަނައިބު ނިންމަވާފައިވާ ކަމަށެވެ. އަދި ރިޕޯޓް އާންމުކުރެވޭއިރު، މިރިޕޯޓުގައި މި މަސައްކަތަށް އައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މަޢުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން