ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެތެރޭގެ ޕްރައިމަރީއަކީ، އެފަދަ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންދިޔަ އިންތިހާބުކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖްލިސް ޕްރައިމަރީ 2024 ގެ ވޯޓުލުން އަމާން އޮމާންކަމާއިއެކު ފޯރީގައި ނިންމާލެވިފައިވާ ކަމަށެވެ.

ވޯޓުލުން ނިމި ގިނަ ދާއިރާތަކުގެ ނަތީޖާ ވެސް މިހާރު އާންމުކޮށްފައިވާއިރު، އަދިވެސް ބައެއް ފޮށިތަކުގެ ވޯޓު ގުނުން މިރޭ 21:30 އާއި ހަމަޔަށް ކުރިއަށް ދާނެކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އަދި މި އިންތިޚާބަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ޕްރައިމަރީ ކަމަށާއި އަދި އެންމެ ގިނަ ބަޔަކަށް ވޯޓު ލުމުގެ ޙައްޤު ކަށަވަރުވި އެތެރޭގެ އިންތިޚާބަކީ ވެސް މިއަދު ބޭއްވި އިންތިހާބު ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ޕީއެންސީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާއި ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ހެންވޭރު ދަނޑަށް ވަޑައިގަންނަވާފައެވެ.

ރައީސްގެ މި ޒިޔާރަތުގައި ޕްރައިމަރީއާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުން ދިޔަ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް ރައީސް ވަނީ ހާމަކޮށްދެއްވާފައެވެ.

އެގޮތުން ޕްރައިމަރީގެ ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސް ގަޑުބަޑުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ގައި 227 ވޯޓު ފޮށި ބެހެއްޓިއިރު 73 ދާއިރާއެއްގައި ޕްރައިމަރީ ކުރިއަށް ގެންދިޔައެވެ. މި ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން