ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރަމަޟާން މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް އެމްޑީޕީން ހުށައެޅި އިސްލާޙްގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ދައުރުން ބޭރުން މިއަދު ބާއްވަމުންދާ މަޖިލީހުގެ ޖަލްސާގައި އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ގެ ފުރަތަމަ ކިޔުން އިއްވަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއެވެ. މި އިސްލާޙަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށައެޅުއްވި އިސްލާޙެކެވެ.

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް ޝިފާއު ހުށައެޅުއްވި އިސްލާޙުގައި ވަނީ، އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

ނަމަވެސް އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށާއި، އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާޙުގައިވެއެވެ.

އޭގެ އިތުރުން އިންތިޚާބު ތަކާގުޅޭ ޚާއްސަ ގާނޫނެއްގެ ދަށުން، ނުވަތަ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކިކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށް މަޖިލީހަށް ހުށައެޅި އިސްލާޙުގައިވެއެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުން މިއަދު އިއްވާފައިވާއިރު، މިއަހަރުގެ ރަމަޟާން މަހުގައި މަޖިލީސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އީސީން ވަނީ 17 މާޗްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން